ހުނަރުވެރިންގެ ފަރާތުން އެހެން މީހުންނަށް ގިނަ ގުނަ ފައިދާކުރެ އެވެ. ހާއްސަކޮށް ކުދި ރަށްރަށުގައި ދިރިއުޅޭ ހުނަރުވެރިން ހިލޭސާބަހަށް ކޮށްދޭ މަސައްކަތްތަކަކީ އެ ރަށްރަށުގެ ތަރައްގީއަށް މުހިންމު އަދި އަގު ނުކުރެވޭ ހިދުމަތެކެވެ. މި ހުނަރުވެރިޔާ ވަނީ ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު، އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ބަދަލުވެ، އެ ރަށަށް ގިނަގުނަ ޚިދުމަތްތަކެއް މުޅިން ހިލޭސާބަހަށް ކޮށްދޭން ފަށައިފަ އެވެ. އެއިން ކޮންމެ ޚިދުމަތަކުން އޭނާއަށް ނުހަނު އުފާ ލިބެ އެވެ.
ހދ. ނޮޅިވަރަމަށް އުފަންވި ނަމަވެސް، އެރަށު ނޫމާގޭ، އާސިޔަތު ސިއުޒާ (ސިއުޒާ) ދިރިއުޅެމުން ގެންދަނީ ހއ. ދިއްދޫގަ އެވެ. ނޮޅިވަރަން ސްކޫލުން މަދުރަސީ ދައުރު ފެށި ނަމަވެސް އޭނާ އޯލެވެލް ފުރިހަމަ ކުރީ ހއ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.
ސިއުޒާ ނިސްބަތް ވަނީ ކުޅިވަރަށް ލޯބިކުރާ އާއިލާއަކަށެވެ. އޭނާގެ ބައްޕައަކީ ރަށުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އާއިލާގެ ބައެއް ކުދިން ވެސް އެކި ކުޅިވަރު ކުޅެ އެވެ. ސިއުޒާ ފާހަގަ ކޮށްލެވެނީ ކިޔެވި ދުވަސްވަރުގައި ކުޅިވަރުގެ އިތުރުން އެހެނިހެން ގިނަ ހުނަރުތައް ވެސް ދަސްކުރި ދަރިވަރެއްގެ ގޮތުގަ އެވެ.
"ވޮލީ ކުޅެން ފަށައިފިން ސްކޫލްގަ އުޅުނުއިރު. އޭރު އޮންނަނީ ވޮލީއާ ނެޓްބޯޅަ. އެ ދެކުޅިވަރާ ބެހޭ އިތުރު ކޯސްތައް ވެސް އަޅުގަނޑު ހެދިން،" ސިއުޒާ ބުންޏެވެ.
ސްކޫލް ނިމުމަށް ފަހު، އޭނާ ކުރި މައިގަނޑު މަސައްކަތަކީ ފެހުމާއި ވޮލީ ކުޅުމާއި އަދި ވޮލީ ކޯޗިން ކޮށްދިނުމެވެ. އެއަށްފަހު، އޭނާ ޒަވާޖީ ހަޔާތެއް ފެށި އެވެ. އަދި ފިރިމީހާގެ ރަށް ހއ. ދިއްދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ.
އޭނާއަކީ ހޭންޑް ބޯލް އެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ އަދި ކޯޗުކޮށްދިނުމުގެ ލައިސަންސް އޮތް މޮޅު ހޭންޑްބޯލް ކޯޗެކެވެ. އޭގެ އިތުރުން ވޮލީ އަދި ނެޓްބޯލް ކޯޗްކަން ވެސް އޭނާ ކޮށްދެ އެވެ. ދިއްދޫއަށް ބަދަލުވި ނަމަވެސް އޭނާ ފެހުމާއި ކުޅިވަރުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ. އަދި ދިއްދޫގެ އިޖްތިމާއީ ކަންކަމުގައި އަބަދުވެސް ވެވުނު ވަރަކުން އެއްބާރުލުން ދެމުން ގެންދިޔަ އެވެ. ނަމަވެސް ސިއްހީ ހާލަތު މިވަގުތު ތަންނުދޭތީ އޭނާ ހުރީ އޭނާ ކުރާ މައިގަނޑު ދެ މަސައްކަތުން ކުޑަ "ބްރޭކެއް" ނަގައިގެންނެވެ.
މާހެދުން ޑިމާންޑްބޮޑު މަސައްކަތެއް
ސިއުޒާ ދެން ގަސްދުކުރީ މާ ހެދުމަށެވެ. އެ މަސައްކަތް އޭނާ ދަސްކުރީ ޔޫޓިއުބް ބަލައިގެންނެވެ. މާ ހަދަން ދަސްވުމުން ވިޔަފާރިއަށް މާ ހަދައިދޭން ފެށި އެވެ. އޭނާ ހަދާ މާ ރީތިވުމުން ދިއްދޫ އަދި އެހެން ރަށްރަށުން ގިނަ އޯޑަރުތައް އަބަދުވެސް ލިބި ލިބި ހުރެ އެވެ. އަދި ވަރަށް ރަނގަޅު އާމްދަނީއެއް ވެސް އެ މަސައްކަތުން ލިބެ އެވެ. އިންސްޓަގްރާމް، އެފްބީ އަދި ޓިކްޓޮކްގައި ހުޅުވާފައިވާ "ބްލޫމްޓިކް އަންޑާސްކޯ އެމްވީ" ޕޭޖްގައި އޭނާ މިހާތަނަށް ހަދާފައިވާ ރީތި ބޮކޭތައް އެހުރީ ފެންނާށެވެ. ވިޔަފާރިއަށް މާހެދުމުގެ އިތުރުން އޭނާ ވަނީ މިހާތަނަށް ސްކޫލް ކުދިންނަށް މާހަދަން ދަސްކޮށްދޭ ދެ ސެޝަނެއް ވެސް ވަރަށް ކާމިޔާބު ކަމާއެކީ ނަގައިދީފަ އެވެ.
ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާ އެކީ ފެށި މާހެދުމުގެ މަސައްކަތަށް އޮންނަ ޑިމާންޑް ބޮޑެވެ. އެހެންވެ މަސައްކަތް ވެސް ބުރަ އެވެ. ނަމަވެސް އެ މަސައްކަތުގައި އޭނާއަށް އާއިލާގެ އެހީތެރިކަމާއި އޭނާގެ އަންހެން ދަރިފުޅުގެ އެހީތެރިކަން ލިބެ އެވެ. އަދި ސޯޝަލް މީޑިއާ ޕޭޖް ހިންގުމުގެ ހުރިހާ ކަމެއްގައި ދަނބި ދަރިފުޅު އެހީތެރިވާކަން ވަރަށް އުފަލާއެކު އޭނާ ފާހަގަ ކުރި އެވެ.
"ޕައިޕް ކްލީނާސް މާބޮކޭ ހަދަން ފެށި ފަހުން ދިވެހި ފަންނުވެރިންގެ އެކްސްޕޯއަށް ބޮކޭއެއް ހަދަން ދައުވަތު ލިބުނު. އެކަމަކު އަޅުގަނޑު މިވަގުތު މަސައްކަތުން ކުޑަ ބްރޭކެއް ނަގައިގެން ހުރީމަ މި އަހަރަކު އެކަމަކާ ނޫޅެން،" ސިއުޒާ ބުންޏެވެ.
ސިއުޒާ އަބަދުވެސް ގަބޫލު ކުރާ ގޮތުގައި އަންހެނެއްގެ ފުރަތަމަ ޒިންމާއަކީ އޭނާގެ ފިރިމީހާ އާއި ދަރިންނެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށް އާމްދަނީއެއް ހޯދުމަށް މަސައްކަތެއް ކުރި ނަމަވެސް، ގޭތެރޭގެ އެންމެހާ ކަންކަން ބެލެހެއްޓުމަކީ އަންބެއްގެ ހައިސިއްޔަތުން އަނބިމީހާގެ ޒިންމާ އެކެވެ.