އެކި މީހުންގެ ގާބިލްކަން ވަނީ އެކި ކަންކަމުގަ އެވެ. އެ ގާބިލްކަން ހުރެ ޝައުގުވެރިވާ ނަމަ އެކަމެއްގައި ދެމި ހުރުމަށާއި ކުރިއަށް ދިއުމަށް ފަސޭހަވެ އެވެ. މިއީ ރާއްޖޭގައި ވަރަށް މަދުން އަންހެނުން އަދާކުރާ ވަޒީފާއެއްގައި ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރާ ހީވާގި އަންހެން ކަނބަލެކެވެ.
މަގުމަތީގައި މީހުންގެ ސަލާމަތާ ރައްކާތެރި ކަމަށް ވިސްނުމަކީ ޏ، ފުވައްމުލަކަށް އުފަން އެ ރަށު ވީނަސްއާގެ، ނާފިޒާ އަބްދުލް ޣަފޫރު (ފިޒާ)ގެ އެންމެ ބޮޑަށް ފިކުރު ކުރެވޭ އެއްކަމެވެ. ޏ. އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމު ހާސިލް ކުރުމަށް ފަހު، އޭނާ ވަނީ އެމްއައިޓީ ކޮލެޖުގައި ބަސް އޮޕަރޭޝަންސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފަ އެވެ.
އެއަށް ފަހު ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާ ކުރުމަށް ފަހު 2018 ގައި ލާނާސް ޑްރައިވިން ސްކޫލްގެ އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އޭރު މައިގަނޑު ގޮތެއްގައި ފިޒާ ކުރި މަސައްކަތަކީ ކާރާއި ސައިކަލް ދުއްވަން ދަސްކޮށްދިނުމެވެ.
"އަސްލު މި ދާއިރާއަށް ނުކުތުމުގެ އެންމެ ބޮޑު އަސްލަކީ ލާނާސް ޑްރައިވިން ސްކޫލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން. އެތަނުގައި އެންމެ ފުރަތަމަ އިންސްޓްރަކްޓާއަކަށް މަސައްކަތް ކުރަމުން ގޮސް އެތަނުގެ މެނޭޖަރުކަން ލިބުނު. އެއަށް ފަހު އެތަނުގެ ވެރިޔާ އަހުމަދު ޝިޔާމް އަޅުގަނޑު ކައިރީ ވިދާޅުވީ އެމްޓީސީސީގެ ބަސް ދުއްވުމަށް ހުޅުވާލި ފުރުސަތުގައި އެކަމާ ކުރިމަތިލުމަށް. ޝިޔާމްއަށް އަޅުގަނޑު މިފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އެމްޓީސީސީގެ ސީނިއާ ބަސް ޑްރައިވަރެއްގެ މަގާމު އަދާކުރާ ފިޒާ ބުންޏެވެ.
ފިޒާ ދެކޭ ގޮތުގައި ބަސް ދުއްވުމަކީ އަންހެނުން ކެރިގެން ނުކުންނަށް ވަރަށް ރަނގަޅު މަސައްކަތެކެވެ. ބަލާބެލުމަށް އުނދަގޫ ކަމެއްހެން ހީވި ނަމަވެސް އޭނާ ދެކޭ ގޮތުގައި ކާރެއް ދުއްވުމަށް ވުރެ ބަސް ދުއްވަން ފަސޭހަ އެވެ.
"ކާރު ތިރިވީމާ އެހާ ބޮޑަކަށް ނުފެންނާނެ. އެކަމަކު ބަސް އުސްވީމަ ބަހުގެ ވަށައިގެން މުޅި މަގު ފެންނަން ހުރޭ. ބަހުގެ ލޯގަނޑުތަކުން ވެސް. ޝީޓުތައް ވެސް ފަސޭހަ. ބަސް ކިތަންމެ ބޮޑުވިއަސް އަސްލު ކާރަށް ވުރެ މާފަސޭހައޭ ބުނެވޭނީ،" ފިޒާ ކިޔައިދިނެވެ.
ފިޒާ އެމްޓީސީސީގެ ބަސް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. އޭރު އެތަނުގައި ތިބި އަންހެން ޑްރައިވަރުންގެ އަދަދަކީ ތިނެކެވެ. މިއަދު ވަނީ އެ އަދަދު 18 އަށް ބަދަލުވެފަ އެވެ.
އެމްޓީސީސީގެ އަންހެން ބަސްޑްރައިވަރުން އިތުރުވުމުގައި އެ މުއައްސަސާއިން އަންހެން ޑްރައިވަރުންނަށް ފޯރުކޮށްދޭ ފަސޭހަތައް އޭނާ ވަރަށް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރި އެވެ.
"ޝިފްޓް ޑިއުޓީ މިކުރަނީ. އެއީ ފަސޭހަ ކަމެއް ނޫން. އެހެން ނަމަވެސް ހަތަރު ގަޑިއިރަށް ވުރެ ގިނައިން ނުޖެހޭ ބަސް ދުއްވާކަށް. އެންމެ ގިނަވެގެން ވެސް ޖެހިޖެހިގެން ތިން ދަތުރު ކުރަން ޖެހޭނީ. ކޮންމެ ދަތުރަކަށް ފަހު ބްރޭކެއް އިނދޭ. ހުރިހާ މުއައްޒަފުންނަށް ވެސް ވެރިން ވަރަށް ރަނގަޅު. އަދި ހާއްސަކޮށް ހުރިހާ އަންހެން ޑްރައިވަރުންނަށް، އަންހެން ކުދިންނަށް އުނދަގޫވާ ކަންތައް ފަސޭހަ ކޮށްދޭ. ވަރަށް ރަނގަޅަށް އެބޭފުޅުން އެދަތުރުތައް ހަމަޖައްސާފައި ހުންނަނީ،" ފިޒާ ބުންޏެވެ.
ބަސްދުއްވުމުގައި ދިމާވާ ހަމައެކަނި ދައްޗަކީ މީހުން ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުން ކަމުގައި އޭނާ ވަރަށް ހިތާމަޔާއެކު ފާހަގަ ކުރި އެވެ. އެމްޓީސީގެ ބަސްތަކަކީ ބޮޑެތި ބަސްތަކަށް ވެފައި، ބަސް ދުއްވަމުން ދާއިރު ބައެއް ވެހިކަލްތަކުން އޯވަޓޭކް ކުރުމާއި، ސިގްނަލެއް ނުދީ ކުއްލިއަކަށް ބަސް ކުރިމަތިން ގޯޅި އެޅުމާއި، ބަހަށް ވުރެ ކުރިއަރައިގެން ދާން މަސައްކަތް ކުރުމާއި އަދި ބަސް ދާން ޖާގަ ނުދިނުމަކީ މި މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ދަތިކަންކަން ކަމުގައި އޭނާ ފާހަގަ ކުރި އެވެ.
ފިޒާއަށް ދިމާވި ހާދިސާއެއް
މަގުމަތީ ގަވައިދުތަކަށް ގޮންޖެހުމަކީ އެކަމުގައި އެންމެންނަށް ހުރި ނުރައްކަލެއް ކަން އޭނާ ފާހަގަ ކުރި އެވެ. މީހުން މަގުމަތީ ގަވާއިދުތަކަށް ހޭލުންތެރި ނޫންކަން ފާހަގަ ކުރަމުން އޭނާއަށް ދިމާވި ހާދިސާއެއް ވެސް ހިއްސާކޮށްލި އެވެ.
"އެއް ދުވަހަކު އަޅުގަނޑު ބަސް ދުއްވަން އިންނަ ލޭނުން ބަރާބަރަށް ދުއްވާފަ ދަނިކޮށް މިފެންނަނީ ހަމަ ގަވައިދުން ދުއްވާފަ ދިޔަ ސައިކަލެއް. އެވަގުތު މަގުމަތީ މަޑުކޮށްފަ އޮތް ޕްރައިވެޓް ކާރެއްގެ ދޮރު ކުއްލިއަކަށް ހުޅުވުމުގެ ސަބަބުން އެއްކަލަ ސައިކަލުގައި ކާރުގަ ޖެހިފަ ވިއްސައިގެން ދިޔައީ. އެވަގުތު ސައިކަލު ފަހަތުގައި އިން ކުއްޖާ އައިސް ބަހުގައި ޖެހިފައި އެ ކުއްޖާގެ އިނގިއްޔަށް ހާނިއްކަވީ. މިސާލަކަށް އެ ކުއްޖާ ވެއްޓުނު ގަޑީގަ، ބަހުގެ ފުރޮޅު ދަށަށް ދިޔަނަމަ، އަޅުގަނޑަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ފިޒާ ބުންޏެވެ.
ބަސް ޑްރައިވަރެއްގެ ހައިސިއްޔަތުން އޭނާ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެންމެން ވެސް ގާނޫނާ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ބަސް ޑްރައިވަރުންގެ މަސައްކަތަށް އެއްބާރުލުންދީ އަދި މަގުތަކަކީ އެންމެނަށް އަމާންތަނެއްގެ ގޮތުގައި ވާނެ ދުވަހެއް ކަމުގައި އޭނާ ބުންނެވެ.
"މިސާލަކަށް ބަސް ސްޓޮޕަށް ބަސް ކައިރި ކުރަންދާއިރު އޮވެދާނެ އެތަނުގައި ކޮންމެ ވެސް ވެހިކަލެއް މަޑުކޮށްގެން މީހުން ބާލުވަން ނޫނީ މުދާ ބާލުވަން. އެފަދަ ވަގުތެއްގައި ކޮންމެ ގޮތެއް ވިއަސް އެތަނަކަށް ބަހަކަށް މަޑެއް ނުކުރެވޭނެ. އެތަން ހުސް ވަންދެން މަޑުކުރަން ބަހަކަށް އެހާ ގިނައިރެއް ނީންނާނެ. އެހެންވީމަ ބަސް ސްޓޮޕަށް ކައިރި ނުކުރެވިގެން ކޮންމެ ގޮތެއް ވިއަސް މަގު މެދަށް އެބަ ޖެހޭ ބަސް މަޑުކޮށްލަން. މީހުންނަށް ނުވިސްނޭތީ. ނުވަތަ ނޭނގޭތީ ހެން ހީވަނީ އެހެން އެވަނީ،" ފިޒާގެ ކަންބޮޑުވުމެއް ހިއްސާ ކުރަމުން ބުންޏެވެ.
އަންހެނަކަށްވެ ހުރެ ދިވެހި ރައްޔިތުންނަށް ބަސް ދަތުރު ކޮށްދިނުން ފަދަ، ބޮޑު ހިދުމަތެއް ދެވުމަކީ އެނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި އޭނާ ދެކެ އެވެ. އަދި އެމްޓީސީސީއިން އަންހެނުންނަށް އިތުބާރުކޮށް އެފަދަ މަސައްކަތަކަށް ފުރުސަތު ހުޅުވާލުމަކީ އޭނާ ދެކޭ ގޮތުގައި، އަންހެންނުން ކުރިއެރުވުމަށް އެ މުއައްސަސާ އިން މަސައްކަތް ކުރާކަމުގެ އަލިގަދަ ހެއްކެކެވެ.
ވީމާ މިފުރުސަތުގައި އެމްޓީސީސީގެ މެނޭޖްމަންޓަށް އޭނާ ޝުކުރު އަދާކުރެ އެވެ. އަދި މަސައްކަތުގައި ދެމިހުރުމަށް އާއިލާގެ ފަރާތުން އަބަދުވެސް ދޭ ފުރިހަމަ އެއްބާރުލުމަށްޓަކައި އޭނާގެ ހިތުގެ އަޑިން އާއިލާއަށް ވެސް ޝުކުރު އަދާކުރެ އެވެ.