ބޮލީވުޑްގެ ނުފޫޒުގަދަ އަދި އެންމެ މަޝްހޫރު ފިލްމީ ތަރިންނަށް އަމާޒުވަމުންދާ މަރުގެ އިންޒާރުތަކާއި އެކި ނުރައްކާތަކާ ގުޅިގެން، އެ ތަރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުންނާއި ފުލުހުން އަޅާފައިވާ ފިޔަވަޅުތައް މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކޮށްފަ އެވެ.
ހާއްސަކޮށް މިފަހުން ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން، ފިލްމީ ތަރިންގެ ސަލާމަތީ ކަންކަން އަލުން ކަށަވަރު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ސަލްމާން ޚާން
ލޯރެންސް ބިޝްނޯއީ ގުރޫޕުގެ ފަރާތުން ލިބެމުންދާ އިންޒާރުތަކާ ގުޅިގެން، މަހާރަޝްރާ ސަރުކާރުން ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާއަށް "ވައި-ޕްލަސް"ގެ ސަލާމަތީ ދަރަޖަ ދީފަ އެވެ. އޭނާގެ ސަލާމަތީ ކަންކަމުގައި 11 އާއި 12 އާ ދެމެދުގެ އަދަދަކަށް މުމްބާއީ ފުލުހުން ހަރަކާތްތެރި ވަމުންދާއިރު، އޭގެ ތެރޭގައި ހަތިޔާރު އެޅި ހަތަރު ކޮމާންޑަރުން ވެސް ހިމެނެ އެވެ. ފަހުގެ ހާދިސާތަކާ ގުޅިގެން އޭނާގެ ގެ ކައިރީގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
ޝާހްރުކް ޚާން
ޝާހްރުކް ޚާންގެ ފިލްމު "ޕަތާން"ގެ ލަވައަކަށްފަހު ލިބުނު މަރުގެ އިންޒާރުތަކާ ގުޅިގެން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާގެ ސަލާމަތީ ރައްކާތެރިކަން ވެސް "ވައި-ޕްލަސް" ކެޓަގަރީއަށް ބަދަލު ކުރެވުނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ ސަލާމަތީ ހަރަދުތައް ބަލަހައްޓަނީ އަމިއްލައަށެވެ.
ކަންގަނާ ރަނޯތު
މުމްބާއީއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށްފަހު، މަރުކަޒީ ސަރުކާރުން ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަންގަނާއަށް ވެސް "ވައި-ޕްލަސް" ސެކިއުރިޓީ ދީފަ އެވެ.
އަކްޝޭ ކުމާރު އަދި ރޯހިތު ޝެޓީ
މަޝްހޫރު އެކްޓަރު އަަކްޝޭ ކުމާރަށް "އެކްސް" ކެޓަގަރީގެ ސަލާމަތީ ރައްކާތެރިކަން ލިބިފައިވާއިރު، އޭގެ ހަރަދުވެސް އޭނާ އަމިއްލައަށް ހަމަޖައްސާކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއާއެކު މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގެ ކައިރީގައި ހިނގި ބަޑީގެ ހަމަލާއަކާ ގުޅިގެން އޭނާގެ ގޭގެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ.
އާމިރު ޚާން
އާމިރު ޚާނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން ވަގުތީ ގޮތުން މުމްބާއީ ފުލުހުންގެ ހިމާޔަތާއި ޕްރައިވެޓް ސެކިއުރިޓީ އޭނާއަށް ވެސް ފޯރު ކޮށްދީފައިވެ އެވެ.
ފިލްމީ ތަރިންނަށް އަންނަ ނުރައްކާތައް ދެނެގަތުމަށްޓަކައި ސްޓޭޓް ފެންވަރުގެ ކޮމިޓީއަކުން އެކަންކަން މުރާޖައާކުރެ އެވެ. މި ތަހުގީގުތަކާއި ހާލަތްތަކަށް ރިއާޔަތްކޮށް ފުލުހުން ދޭ ހިމާޔަތް މަތި ކުރުމާއި، ދަށް ކުރުން ނުވަތަ މުޅިން ކަނޑާލުން ފަދަ ފިޔަވަޅުތައް އަޅަ އެވެ.
އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން ހައްޔަރުކޮށްފި
އަދިވެސް ކުރީގެ ބައިވެރިޔާގެ ސޯޝަލް މީޑިއާ ބަލަންތަ؟
ޝަރުތުތައް ފުރިހަމަނުވަނީސް މަޝްވަރާ ނުކުރާނެކަމަށް އީރާން ބުނެފި