އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ސިއްހަތަށް ފައިދާހުރި ކަމަށް ހީކޮށް ކުރެވޭ ބައެއް ކަންކަމަކީ، ނޭނގި ތިއްބާ ހިތުގެ ސިއްހަތަށް ގެއްލުން ދެމުންދާ ކަންކަމަށް ވެދާނެ އެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ބޭރުފުށުން ސިއްޙަތަށް ރަނގަޅު ކަމަށް ފެނުނު ނަމަވެސް ހިތަށް ގެއްލުން ލިބިދާނެ ފަދަ ބައެއް އާދަތައްވެ އެވެ.
1. މޭވާ ޖޫސް ބުއިން
މޭވާއަކީ ހިތަށް ފައިދާހުރި އެއްޗެއްކަމުގައި ވިޔަސް، މޭވާ ފެލައިގެން ޖޫސް ބުއިމުން އޭގައި ހުންނަ ގުދުރަތީ މާއްދާތައް ނެތިގެންދެ އެވެ. މީގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ގޮސް، ހަށިގަނޑަށް ގެއްލުން ލިބެ އެވެ. މޭވާ ކާނަމަ އޭގެ އަސްލު ގޮތުގައި ކެއުން ނުވަތަ ގޭގައި ތަރުކާރީއާއި ޕްރޮޓީން ހިމަނައިގެން ސްމޫތީ ތައްޔާރު ކޮށްގެން ބުއިން މާ ރަނގަޅެވެ.
2. "ލޯ-ފެޓް" އަދި "ޝުގާ-ފްރީ" އުފެއްދުންތަކަށް ބަރޯސާވުން
ކާބޯތަކެތީގެ ޕެކެޓްތަކުގައި ލިޔެފައި ހުންނަ "ކަރުދާސް ލޭބަލް" ތަކަށް ހެއްލިގެން ނުވާނެ އެވެ. ސަރުބީ މަދު ކުރުމަށް ނުވަތަ ހަކުރު ނެތްކަމަށް ބުނެ ތައްޔާރުކުރާ ތަކެތީގެ ރަހަ މީރު ކުރުމަށްޓަކައި އުފެއްދުންތެރިން ގިނަ ފަހަރަށް އިތުރު ހަކުރާއި، ލޮނު އަދި އެހެނިހެން މާއްދާތައް ބޭނުންކުރެ އެވެ. މިއީ ހިތުގެ ސިއްހަތަށް އެންމެ އެދެވޭ ގޮތެއް ނޫނެވެ.
3. މާ ގިނައިން ކަސްރަތު ކުރުން
ކަސްރަތު ކުރުމަކީ ހިތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އަރާމުނުކޮށް، މާ ބުރަކޮށް އަދި މާ ގިނައިން ކަސްރަތު ކުރުމުން ހަށިގަނޑަށް ސްޓްރެސް ބޮޑުވެ، ހިތުގެ ހިނގުމަށް ނުރައްކާތެރި ބަދަލުތައް އައުމަށް މަގުފަހިވެ އެވެ. ވީމާ، ހަފްތާއަކު 150 މިނެޓުގެ މެދުމިނުގެ ކަސްރަތެއް ކުރުމާއެކު ހަށިގަނޑަށް އަރާމުދޭން ވާނެ އެވެ.
4. ބަރުދަން ލުއި ކުރުމަށް ކެއިންބުއިން ދޫކޮށްލުން
ބަރުދަން ލުއިކުރުމުގެ ނިޔަތުގައި ކެއުންތައް މެދުކަނޑާލުމަކީ (ނުވަތަ ވަގުތުން ވަގުތަށް ނުކެއުމަކީ) ހަށިގަނޑުގެ މެޓަބޮލިޒަމަށް ބުރަކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ދުވަހުގެ ފަހުގެ ވަގުތުތަކުގައި މާ ގިނައިން ކެވުމަށް މެދުވެރިވެ، ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މައްޗަށް ދިއުމަށް މަގުފަހިވެ އެވެ.
5. ނިދި ނުލިބުން
ކެއުމާއި ކަސްރަތަށް ކިތަންމެ ބޮޑަށް ސަމާލުކަން ދިން ނަމަވެސް، ރަނގަޅަށް ނުނިދޭނަމަ ހިތުގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ރެއަކު ހަތް ގަޑިއިރަށްވުރެ މަދުން ނިދުމަކީ ލޭގެ ޕްރެޝަރު މައްޗަށް ގޮސް ހިތުގެ ބަލިތަކަށް ހުށަހެޅޭ ސަބަބެކެވެ. އެހެން ކަމުން ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދުމަށް އަބަދުވެސް ސަމާލުވާންވާނެ އެވެ.
ކެންސަރު ބަލިމީހުން ދިރިތިބޭނެ މުއްދަތު އޭއައިން ލަފާކުރެވޭ
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރި 2 ބިދޭސީން ބަންދު