މީގެ އަހަރުތަކެއް ކުރިއަށް ބަލާލާއިރު ހެޑްފޯނުތައް އަޅައިގެން އުޅުމަކީ އާއްމު ކަމެކެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށް އެ ޓްރެންޑް ވަޅުޖެހިފައި އޮތުމަށްފަހު މިއަދުގެ ޒުވާން ޖީލު (ޖެން ޒީ)ގެ މެދުގައި އެ ޓްރެންޑް ވަނީ އަލުން ވައިގައި ހިފަން ފަށާފަ އެވެ.

އެގޮތުން މިހާރު ޖެން ޒީ އާބާދީގެ ބޮޑު ބައެއްގެ ކަންފަތުން އަބަދުވެސް ހެޑްފޯނެއް ނުވަތަ އިއަބަޑްސްއެއް ފެނުމަކީ އާންމު ކަމެކެވެ.

މަގުމަތީގައި ހިނގާފައިދާއިރު، ކެފޭތަކުގައި އަދި ގޭގެ އާންމު މަސައްކަތްތައް ކުރާއިރުވެސް ލަވަ ނުވަތަ ޕޮޑްކާސްޓް އަޑުއެހުމަކީ އެމީހުންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވަނީ ވެފަ އެވެ.

ނަމަވެސް، މާހިރުން ބުނާ ގޮތުގައި ހުއްޓުމެއްނެތި ހެޑްފޯނު ބޭނުން ކުރުމަކީ އޭގެ ސަބަބުން ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

އިޖުތިމާއީ ގުޅުންތަކާ ދުރުވުން

ޔުނިވާސިޓީ އޮފް ވިސްކޮންސިން-މެޑިސަންގެ "ސެންޓަ ފޯ ހެލްތީ މައިންޑްސް"ގެ ޑިރެކްޓަރު ރިޗާޑް ޑޭވިޑްސަން ފާހަގަ ކުރެއްވި ގޮތުގައި، ގިނަ ޒުވާނުން ހެޑްފޯނު ބޭނުން ކުރަނީ ވަށައިގެންވާ މާހައުލުންނާއި މީހުންގެ ކިބައިން އެކަހެރިވުމުގެ ވަސީލަތެއްގެ ގޮތުގަ އެވެ.

މީގެ 10 އަހަރު ކުރިއާ އަޅާބަލާއިރު، މަގުމަތީގައާއި އާންމު ތަންތަނުގައި އުޅޭއިރު އެކަކު އަނެކަކާ ވާހަކަ ދެއްކުމާއި، ހިނިތުންވެލުން ފަދަ އާންމު އިޖުތިމާއީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މިއީ މީހުންނާ ބައްދަލުވެ، އާ ގުޅުންތައް ބަދަހި ކުރުމަށް ލިބޭ ފުރުސަތުތައް ގެއްލިގެންދާ ކަމެކެވެ.

އެކަނިވެރިކަން އިތުރުވުން

ދިރާސާތަކުން ދައްކާ ގޮތުގައި އާންމު ތަންތަނުން ދިމާވާ ބީރައްޓެހިންނާއެކު ދެކެވޭ ކުރު ވާހަކަތަކަކީވެސް މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް މުހިންމު ކަންކަމެވެ. ނަމަވެސް، އަބަދު ހެޑްފޯނު ޖަހައިގެން އުޅުމުގެ ސަބަބުން މިފަދަ ކުދިކުދި އުފާވެރި ވަގުތުތައް ބޭކާރުވެ، އެކަނިވެރިކަން އިތުރުވުމަށް މަގުފަހިވެ އެވެ.

އަމިއްލަ ނަފްސާއެކު ވަގުތު ހޭދަ ނުކުރެވުން

ކެލިފޯނިއާ ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ގްލޯރިއާ މާކް ވިދާޅުވި ގޮތުގައި، މީހުންނަށް މިހާރު ހިމޭންކަމާއެކު ތިބެން ނުވަތަ އަމިއްލަ ހިޔާލުތަކާއެކު ވަގުތުކޮޅެއް ހޭދަކުރަން ވަނީ އުނދަގޫވެފަ އެވެ. ފޫހިވާ ކޮންމެ ވަގުތަކު ފޯނުން ނުވަތަ ހެޑްފޯނުން ކޮންމެވެސް އެއްޗެއް އަޑު އެހުމަކީ ވަގުތީ ހައްލެއް ކަމުގައި ވިޔަސް، އޭގެ ސަބަބުން އަމިއްލަ ވިސްނުމާއި ސިކުނޑިއަށް ލިބެންޖެހޭ ހަމަޖެހުން ނުލިބެ އެވެ.

މާހައުލަށް ސަމާލުކަން ނުދެވުން

އަބަދު ކަންފަތުގައި ހެޑްފޯނު ޖަހައިގެން އުޅުމުން، އަމިއްލަ މާހައުލުގައި ހިނގާ ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެ އެވެ. ބައެއް ޒުވާނުން ކުރި ތަޖުރިބާތަކުން އެނގުނު ގޮތުގައި، ހެޑްފޯނު ނުލައި މަގުމަތީގައި ހިނގާލުމުން، ކުރިން ނުފެންނަ އަދި ފާހަގަ ނުކުރެވޭ ގިނަ ކަންތައްތަކެއް މާހައުލުން ފެންނަން ފަށަ އެވެ.

މާހިރުން އިރުޝާދު ދެއްވަނީ، ދުވަހުގެ ބައެއް ވަގުތުތަކުގައި ހެޑްފޯނާއި ވަސީލަތްތަކާ ދުރުވެ، މާހައުލަށާއި ވަށައިގެންވާ މީހުންނަށް ސަމާލުކަންދީ، ހިމޭން ކަމުގައި އަމިއްލަ ނަފްސަށް ވަގުތު ދިނުމަށެވެ.