ކެންސަރު ބަލިމީހެއްގެ މޫނުގެ އެންމެ ފޮޓޯއެއް ބޭނުންކޮށްގެން، އެމީހަކު ބަލީގައި ދިރިހުރުމުގެ ފުރުސަތު އޮތް މިންވަރު އަންދާޒާކުރެވޭނެ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޓޫލެއް ދިރާސާވެރިން އުފައްދައިފި އެވެ. މިއީ ޑޮކްޓަރުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކުރާ އަންދާޒާތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެއް ކަމަށާއި، ހާއްސަކޮށް ސިއްހީ މައުލޫމާތު މަދު ހާލަތްތަކުގައި ފަރުވާގެ ނިންމުންތައް ނިންމުމަށް މީގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް ބެލެވެ އެވެ.
މި އާ މޮޑެލް ތަމްރީނުކޮށްފައިވަނީ މީހެއްގެ އުމުރު އަންދާޒާކުރުމަށާއި، ކެންސަރު ބަލިމީހުން ބަލީގައި ދިރިތިބުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށެވެ. މި އޭއައި ސިސްޓަމް ތަމްރީނުކުރުމަށް 40 މިލިއަނަށްވުރެ ގިނަ މޫނުގެ ފޮޓޯއާއި، ކެންސަރު ބަލީގެ 30,000 އަށްވުރެ ގިނަ ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްފައިވެ އެވެ. މީގެ ތެރޭގައި މިހާރު ދުނިޔެ ދޫކޮށްފައިވާ ގިނަ ބަޔަކުވެސް ހިމެނެ އެވެ.
އޮކްޓޫބަރު 19 ގައި 'ދަ ލެންސެޓް ޑިޖިޓަލް ހެލްތު' މަޖައްލާގައި ޝާއިރުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން، މި ޓޫލް މެދުވެރިކޮށް ބަލިމީހުންނަށް ނުރައްކާ އޮތް މިންވަރު ބަޔާންކޮށްދޭ 'ރިސްކް ސްކޯ' އެއް ދެއެވެ. މީގެ ތެރެއިން އެންމެ މަތީ ސްކޯ ލިބޭ މީހުން 90 ދުވަހުގެ ތެރޭގައި މަރުވުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަކުރެވިފަ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ މިފަދަ ނަތީޖާއެއް ފެނުނު ފުރަތަމަ ފަހަރެވެ.
މާސް ޖެނެރަލް ބްރިގަމް ކެންސަރު އިންސްޓިޓިއުޓްގެ ރޭޑިއޭޝަން އޮންކޮލޮޖިސްޓެއް ކަމަށްވާ ރޭމަންޑް މަކް ވިދާޅުވި ގޮތުގައި، ބަލިމީހުންގެ ބޭރުފުށުގެ ސިފަޔަށް ބަލައިގެން ބަލިމީހާގެ ހާލަތު ދެނެގަތުމަކީ ޑޮކްޓަރުން ތަމްރީނުވެފައިވާ ކަމެއް ނަމަވެސް، މީހަކު ދިރިހުންނާނެ މުއްދަތު އަންދާޒާކުރުމުގައި ޑޮކްޓަރުންނަށް ގިނަފަހަރަށް ގޯސްތައް ހެދެ އެވެ. އޭނާ ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ހަމައެކަނި މޫނުގެ ފޮޓޯއަކުން އިންސާނާގެ ހަށިގަނޑުގެ ދިފާއީ ބާރާއި މަރުވުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި އޭއައި ޓޫލްއިން މީހެއްގެ އުމުރު އަންދާޒާކުރުމުގައި ފަސް އަހަރުގެ ފަރަގެއް އައި ނަމަވެސް، ބަލިމީހުން ނުރައްކާ ބޮޑު އަދި ކުޑަ ގްރޫޕްތަކަށް ވަކިކުރުމުގައި ވަރަށް އިތުބާރު ހުރި ނަތީޖާތަކެއް ދައްކާފައިވެ އެވެ. އަދި މި މޮޑެލްއަކީ ތަފާތު އުމުރުފުރާތަކާއި، ނަސްލުތަކާއި، ޖިންސާއި އަދި ތަފާތު ބާވަތްތަކުގެ ކެންސަރު ބަލިތަކަށްވެސް އެއްގޮތަކަށް މަސައްކަތްކުރާ އެއްޗެކެވެ.
މި އުންމީދީ ނަތީޖާތަކާއެކުވެސް، ޔުނިވާސިޓީ އޮފް ސަރޭގެ ޕްރޮފެސަރެއް ކަމަށްވާ މީރޮސްލާވް ބޯބާ ވިދާޅުވީ މި ޓޫލް އަދި އަމަލީ ގޮތުން ބޭނުންކުރަން ތައްޔާރު ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ނަތީޖާއެއް އަންދާޒާކުރުމާއި އެކަމުގެ ސަބަބު ދެނެގަތުމަކީ ތަފާތު ދެކަމެކެވެ. އަދި ޑޮކްޓަރުން ބަލިމީހާގެ އާންމު ސިއްހަތަށް ބަލައިގެން ނިންމާ ނިންމުންތަކަށްވުރެ އިތުރު މައުލޫމާތެއް މި ޓޫލްއިން ލިބޭކަން އަދި ސާބިތުވެފައި ނުވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ޓޫލް އުފެއްދި ޓީމުގައި ހިމެނޭ މަކް ވިދާޅުވި ގޮތުގައި، މި ސިސްޓަމް މަސައްކަތްކުރާ ފުރިހަމަކަމުން އޭނާއަށް ހައިރާންކަން ލިބުނެވެ. މި އެލްގޮރިޒަމް ބޮޑަށް ބަލަނީ މޫނުގެ ނޭފަތުގެ މަތީ ބަޔަށާއި ލޮލުގެ ތިރީގެ ސަރަހައްދަށެވެ.
މަކް ވިދާޅުވި ގޮތުގައި މި ޓޫލް ބޭނުންކުރާނީ ބަލިމީހުންނަށް ފަރުވާ ދިނުން ހުއްޓާލުމަކަށް ނޫނެވެ. އޭގެ ބަދަލުގައި މިއީ ޑޮކްޓަރުންނަށް ބަލިމީހާގެ ހާލަތު ވަޒަންކުރުމަށް ލިބޭނެ އިތުރު އެހީއެކެވެ.
ގައްޒާ ގަތުލުއާންމުގެ ތަހުގީގަށް ގޮވާލާ ޕެޓިޝަނުގައި 100،000 ސޮއި
ޖިންސީ ގޯނާގެ ކުށް ސާބިތުވެ ރަޝަލް ބްރޭންޑް 10 އަހަރަށް ޖަލަށް
"ރަސްމާލެއާ ގުޅޭ ބިލަކީ ރާއްޖެ ސެކިއުލާ ކުރުމަށް ހުށަހެޅި ބިލެއް"