ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލާ 500 ހެކްޓަރުގެ ބިމާ ގުޅޭ އެއްބަސްވުން ދެފުށް ފެންނަ ގޮތަށް އާންމުކުރައްވާނަންތޯ ސުވާލުކުރުމުން ރައީސް މުހައްމަދު މުއިއްޒު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. އިޒްރޭލަށް ވާގިވެރިވާ ކަމަށް ތުހުމަތުކުރެވޭ އީގަލް ހިލްސްއާ އެކު ވެވޭ އެއްބަސްވުމާމެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެ އެއްބަސްވުން ހާމަކުރުމާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ.

"ދަ ޕަލްސް" ޕްރޮގްރާމުގައި ނޫސްވެރިޔާ ސުވާލު އަމާޒުކުރީ ރަސްމާލެއިން ޕްރޮޕަޓީތައް ވިއްކާ އުސޫލާއި މުއްދަތާ ގުޅޭގޮތުން އަދި ދެފުށް ފެންނަ ގޮތެއްގައި އެ މަޝްރޫއުގެ އެއްބަސްވުން ރައްޔިތުންނަށް ހާމަކުރުމާ ގުޅޭގޮތުންނެވެ.

ނޫސްވެރިޔާގެ ސުވާލުގައި ފާހަގަކުރީ، ރަސްމާލެ މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި އަދި ސޮއިކޮށްފައި ނުވި ނަމަވެސް، ކުރިއަށް އޮތްތަނުގައި ބާރު ސްޕީޑުގައި އެކަން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެތަނުން ޕްރޮޕަޓީއެއް ގަނެ، ދިރިއުޅުމަށްފަހު އަލުން ވިއްކާލާއިރު އަނެއްކާވެސް 99 އަހަރު ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ، އޭގެ ހަގީގަތަކީ ކޮބައިތޯއާއި، ރައްޔިތުންނަށް މި އެއްބަސްވުން ދެފުށް ފެންނަ ގޮތަށް ހާމަކުރައްވާނަންތޯ ނޫސްވެރިޔާ އެހި އެވެ.

ނަމަވެސް، ނޫސްވެރިޔާގެ މި ސުވާލަށް ރައީސް މުއިއްޒު ޖަވާބު ދެއްވީ ހަމައެކަނި ޕްރޮޕަޓީ ވިއްކުމުގެ މުއްދަތާ ގުޅޭ ބަޔަށެވެ. އެއްބަސްވުން ރައްޔިތުންނަށް ހާމަކުރުމާ ގުޅޭގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވައި އެމަނިކުފާނު ވިދާޅުވީ، ރަސްމާލެއިން ތަންތަން ގަންނަ ފަރާތްތަކަށް އެ ޕްރޮޕަޓީތައް ލިބޭނީ 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކުލީގެ ގޮތުގައި ލިބޭ 99 އަހަރު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކަން ބޭނުންވި ކަމުގައި ވިޔަސް، އެތަން ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށާއި، އެހެން ފަރާތަކަށް ވިއްކުމާމެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް، އީގަލް ހިލްސް އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ، އަލުން 99 އަހަރުގެ އާ މުއްދަތެއް ފެށޭނެ އެވެ.

ހަމައެއާއެކު، އިންވެސްޓްމަންޓުގެ އަދަދާމެދު ވެސް ސަރުކާރާއި އެ ކުންފުންޏާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ. ސަރުކާރުން ބުނަމުންދަނީ އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ބުނެފައިވަނީ އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. ފަހުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވީ، 20 ބިލިއަން ޑޮލަރަކީ މަސައްކަތް އެއްކޮށް ނިމުމުން އެތަނުގެ ޖުމްލަ އަގު ހުންނާނެ މިންވަރު ކަމަށެވެ.