ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކުރިއަށް އޮތް ދެ އަހަރު ތެރޭ 200 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ހިންގުމަށް ދެ ގައުމުން މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު އިއުލާނު ކުރައްވައިފި އެވެ.
މި ކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އިސްލާމްއާބާދުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި 60 އަހަރުވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް އޮތް ކަމަށެވެ. ނަމަވެސް މިހާރު ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތަކީ އެންމެ 13.9 މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ މިއަދު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މި އަދަދު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. މިއީ ދެ ގައުމުގެ އިގުތިސާދީ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެ އެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ފޯރުކޮށްދިނުމާ ގުޅޭ ހާއްސަ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށް ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ބްލޮކް ގްރާންޓުގެ 74 މިލިއަން ރުފިޔާ ސަރުކާރުން ކަނޑާލައިފި
ސައުދީގެ ދިފާއުގައި ޔޫކޭއިން ވައިގެ ދިފާއީ ހަރަކާތްތަކެއް
ޝަރުތުތައް ފުރިހަމަނުވަނީސް މަޝްވަރާ ނުކުރާނެކަމަށް އީރާން ބުނެފި

