ދެކުނުގެ ރަށެއްގައި ގްރޫޕަކުން ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި އުމުރުން 22 އަހަރުގެ ދިވެހި އަންހެނަކަށް ބަޔަކު ވެގެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހެޅީ އިއްޔެ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާރު އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު ބޮޑެތި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައި އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް މި މައްސަލައިގެ ތެރެއިން ވަނީ ފާހަގަވެފަ އެވެ.
ފުލުހުން ބުނީ މިފަދަ ނުރައްކާތެރި އަދި ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައިވާތީ، މިއީ ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައި ބަލައި، ހާއްސަ އިސްކަމެއް ދީގެން ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.
އަދި އަނިޔާ ލިބުނު ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބްލޮކް ގްރާންޓުގެ 74 މިލިއަން ރުފިޔާ ސަރުކާރުން ކަނޑާލައިފި
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމާމެދު ރައީސްގެ ޖަވާބެއް ނެތް
މަޖިލީހުގެ ރައީސްގެ މުސާރަ 95,000 އަށް ބޮޑުކޮށްފި