އެމެރިކާގެ މިޑްޓާމް އިންތިހާބާ ދިމާކޮށް، ތެލުގެ އަގު އުފުލުމަށް އީރާނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ތުހުމަތު ކުރައްވައިފި އެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން ދަނީ ހަމަލާތަކާއި ކަނޑުއަޑީގެ މައިން ފަދަ ކަންކަން ބޭނުންކޮށްގެން ދޮގު މައުލޫމާތު ފަތުރައި، މާހައުލު ގޯސްކުރަމުން ކަމަށެވެ.

ރައީސް ޓްރަމްޕް މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ހަތް ބޯޓެއްގައި ބުރާސްފަތި ދުވަހުގެ ރޭ އަލިފާން ރޯވެ، ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އީރާނުން ބުނާ ގޮތުގައި މި ހާދިސާތައް ހިނގާފައިވަނީ ބޯޓުތަކަށް ހަމަލާދީގެން ނުވަތަ ކަނޑުއަޑީގެ މައިންތަކުގައި ޖެހިގެންނެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ނޭވީއާ ހަވާލާދީ އެގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން ހަތަރު ބޯޓެއްގައި އަލިފާން ރޯވީ ތެޔޮ އުފުލަމުން ދަނިކޮށް އަމާޒުކޮށްދިން ހަމަލާތަކެއްގެ ސަބަބުންނެވެ. އަދި އަނެއް ތިން ބޯޓަށް ގެއްލުންވެ، ދަތުރު ނުކުރެވޭ ވަރަށް ހުއްޓުނީ ކަނޑުއަޑީގެ މައިންތަކުގައި ޖެހިގެން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް، މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ އެއީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް އީރާނުގެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދުގެ އެހެން މަގުތަކުން ތެޔޮ ބޯޓުތައް ދަތުރުކުރުމަށް އެމެރިކާއިން މަސައްކަތް ކުރާނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރުވެސް ރިވޮލިއުޝަނަރީ ގާޑުން ވަނީ ދީފަ އެވެ.