ވައިގެ ތަގައްޔަރުކަމާއި ނުސާފު ކަމަކީ އާންމުކޮށް ނޭވާލާ ނިޒާމަށާއި ފުއްޕާމެއަށް ލިބޭ ގެއްލުންތަކާ ގުޅުވައިގެން ވާހަކަ ދެކެވޭ ކަމެކެވެ.
ނަމަވެސް، ޒަމާނީ ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ދިގު މުއްދަތަކަށް ނުސާފު ވައިގެ ތެރޭގައި އުޅެން ޖެހުމަކީ ކިޑްނީ ބައްޔަށް ވެސް ހުށަހެޅިގެންދާ ނުރައްކާތެރި ސަބަބެކެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ނުސާފު ވައިގައި ހުންނަ ނުރައްކާތެރި ކުދިކުދި މާއްދާތައް (ޕީއެމް 2.5 ފަދަ މާއްދާތައް) ނޭވާލާ ނިޒާމު މެދުވެރިކޮށް ލެޔަށް ވާސިލްވެ އެވެ.
މިއީ ހަށިގަނޑުގައި ދުޅަވުމާއި އޮކްސިޑޭޓިވް ސްޓްރެސް އިތުރު ކުރުވާ ކަންކަމެވެ. ލޭގެ ތެރެއަށް ވަންނަ މިފަދަ ވިހަ މާއްދާތައް ފުރާނައި ސާފު ކުރުމުގެ މަސައްކަތްކުރާ ކިޑްނީއަށް އޭގެ ސަބަބުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހެ އެވެ.
ދިގު މުއްދަތަކަށް މިކަން ތަކުރާރުވުމުން ކިޑްނީގެ މަސައްކަތް ކުރުމުގެ ގާބިލުކަން ދަށްވެ، ކިޑްނީ ފެއިލްވުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.
ހާއްސަކޮށް ވައިގެ ނުސާފުކަން އިންތިހާއަށް ބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި، ހަކުރުބަލި ނުވަތަ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް މި ނުރައްކާ މާ ބޮޑެވެ.
އެހެން ކަމުން ވައިގެ ނުސާފު ކަމުން ރައްކާތެރިވުމަށް މާސްކް އެޅުމާއި، ވައި ނުސާފު ދުވަސްވަރު ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމާއި، ގަވާއިދުން ކިޑްނީ ޓެސްޓު ކުރުމަކީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅު ތަކެކެވެ.