ގުޅިފަޅުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ފެނާއި ނަރުދަމާ ވިއުގަ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިންހިއްކާފައިވާ ތަންތަނުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ގާއިމުކުރުމަކީ ބިން ހިއްކުމަށް ހިނގި ހަރަދަށް ވުރެ ވެސް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށެވެ. އަދި އެ ފައިސާ ދައުލަތުގެ ބަޖެޓުން އެއްފަހަރާ ހަރަދުކުރުމަކީ ދަތި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ގުޅިފަޅުގައި ހުރިހާ ހިދުމަތްތަކެއް ގާއިމުކޮށް މަގު ހެދުމަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ކުރިން މި އަހަރުގެ ކުރީކޮޅު ވެސް މަސައްކަތްތައް އަވަސްކުރުމަށްޓަކައި ބައެއް ބައިތައް އެމްޓީސީސީ އާއި އާރުޑީސީ އާ ހަވާލުކުރަން ނިންމެވި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ގުޅިފަޅުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަޅައި، މަގުތައް ތަރައްގީކުރުމަށް 12 ޖެނުއަރީ 2024 ގައި ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކުރި އެވެ. އަދި 6 ޖެނުއަރީ 2025 ގައި އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، މަޝްރޫއަށް ބޭނުންވާ ލޯނު ހަމަނުޖެހުމުގެ ސަބަބުން އަމަލީ މަސައްކަތް ނުފެށި ވަނީ ލަސްވެފަ އެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރުމަށާއި ޕޯޓު ތަރައްގީކުރުމަށް ގުޅިފަޅުން 192 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފަ އެވެ. އެ ސަރަހައްދުން 3،500 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޫކޮށްފައިވާއިރު، ސަރުކާރުން ވަނީ ގޯތި ލިބުނު ފަރާތްތަކަށް ބިންތައް ހަވާލުކޮށްފަ އެވެ.

ގޯތި ލިބުނު ފަރާތްތަކަށް ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުތައް ހަމަޖައްސަމުންދާއިރު، އަސާސީ ޚިދުމަތްތައް ނިންމައި އެ ތަނުގައި އާބާދުވެވޭނެ ސީދާ ތާރީޚެއް އަދިވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.