ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލިޖެހުމަށް މަގުފަހިވާ ބައެއް ކަންކަމުގެ ނޭދެވޭ އަސަރު، ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ސިކުނޑިއަށް ކުރާކަން ދާދިފަހުން ކުރި ބޮޑު ސައިންޓިފިކް ދިރާސާއަކުން ހޯދައިފި އެވެ.

"އަލްޒައިމާސް ރިސާޗް އެންޑް ތެރަޕީ" މަޖައްލާގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ އެމެރިކާގެ "ހެލްތު އެންޑް ރިޓަޔާމަންޓް ސްޓަޑީ" ގެ ތަފާސްހިސާބުތަކަށް ބިނާކޮށް، އުމުރުން 40 އަހަރުން މަތީގެ 17،000 އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު ބަލައިގެންނެވެ.މި ދިރާސާއިން ދައްކާ ގޮތުގައި އަލްޒައިމާސް ބަލި ތަހައްމަލުކުރާ މީހުންގެ ތިންބައިކުޅަ ދެބަޔަކީ އަންހެނުންނެވެ. އަދި އާންމުކޮށް މި ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް އަންހެނުންގެ ކިބައިން ފެންނަ މިންވަރު އިތުރުވުމުގެ އިތުރުން، އޭގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންވެސް އަންހެނުންގެ މާ ބޮޑެވެ. ހާއްސަކޮށް ލޭގެ ޕްރެޝަރު މަތިވުމާއި، ހަކުރުބަލި، އަޑުއިވުމުގެ މައްސަލަތައް އަދި މެދު އުމުރުގައި ބަރުދަން މާބޮޑަށް އިތުރުވުމަކީ ފިރިހެނުންނާ އަޅާބަލާއިރު އަންހެނުންގެ ވިސްނުމުގެ ބާރު އަވަހަށް ދަށްކޮށްލާ ކަންކަމެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި މި ތަފާތު ބޮޑަށް ފެންނަން މެދުވެރިވަނީ އަންހެނުން އިއްދައިން ކެނޑުމާ ގުޅިގެން އެސްޓްރޯޖަން ހޯމޯން ދަށްވުމުން، ހަށިގަނޑުގެ މެޓަބޮލިޒަމަށާއި ސިކުނޑީގެ ކުދި ލޭހޮޅިތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. މީގެއިތުރުން ކޮލެސްޓްރޯލް މަތިވުމާއި، ނިދި މަދުވުމާއި، ނަފްސާނީ ބަލިމަޑުކަން ފަދަ ކަންކަންވެސް އަންހެނުންގެ މެދުގައި އިތުރުކަން ފާހަގަކުރެވިފައިވެ އެވެ.

ނަމަވެސް މި ނުރައްކާތަކަކީ ދިރިއުޅުމުގެ އާދަކާދައިގެ ތެރެއިން ބަދަލުކުރެވިދާނެ ކަންކަން ކަމަށް ސައިންސްވެރިން ބަޔާންކުރެ އެވެ. އެގޮތުން ހިނގުމާއި ދުވުން ފަދަ ކަސްރަތުތައް ކުރުމާއި، އަރާމު ނިދި ހޯދުމާއި، އަޑުއިވުމުގެ މައްސަލަތަކަށް އަވަހަށް ފަރުވާ ހޯދުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

މި ދިރާސާއިން އެނގިގެންދަނީ ހަނދާން ނެތޭ ބަލިން ރައްކާތެރިވުމަށްޓަކައި ހުރިހާ އެންމެންނަށް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި، ޖިންސުގެ ތަފާތުތަކަށް ބަލައިގެން، ހާއްސަކޮށް އަންހެނުންގެ މެދު އުމުރުގެ ސިއްހަތަށް ރައްކާތެރިވުމަށް ހާއްސަ އިސްކަމެއް ދޭންޖެހިފައިވާ ކަމެވެ.