މާލޭގެ މަސްޖިދުލް ފުރުޤާންގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، ބޭއަދަބީ އަމަލު ހިންގި މައްސަލާގައި ހައްޔަރުކުރި މީހާ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފި އެވެ.

ތަކުރާރުކޮށް މިސްކިތްތަކުގެ ހުރުމަތް ކަނޑައި، ގެއްލުން ދިނުމުގެ ކުށުގެ ރެކޯޑު އޮންނަ މި ދިވެހި ފިރިހެން މީހާ މި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުރުގާން މިސްކިތުގައި އަންހެނަކު ނަމާދަށް ހުއްޓައި އޭނާގެ ކުރިމަތީ ބަރަހަނާވެ، އަމިއްލައަށް އެދުން ފުއްދި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އޭނާގެ ފަރާތުން އެފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން، ފުލުހުން ބުނީ އެ މީހާ މިހާރު ވަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފައި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރައްވަ އެވެ.

މީގެ ކުރިން މިސްކިތްތަކަށް ގެއްލުން ދިން މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އަދި އެ މައްސަލައިގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޯޓުން ވަނީ އިއްވާފަ އެވެ.

އެހެންނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، ޖަލު އަދަބުގެ މުއްދަތުން އެ ދުވަސްތައް އުނިކުރުމުން ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް ނެތް ކަމަށް ކޯޓުން ނިންމި އެވެ. އެއާއެކު، އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އޭނާ ވަނީ މިނިވަންވެފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ ހައްޔަރާއި ބަންދު ލޮގަށް ބަލާއިރު އޭނާއަކީ މިފަދަ ކަންކަން ތަކުރާރުކޮށް ކުރާ މީހެއްކަން އެނގެ އެވެ. އަދި އޭނާއަކީ މީގެ އިތުރުން ވެސް އެހެނިހެން ބާވަތުގެ ކުށްތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.