ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫއަށް ނިސްބަތްވާ ޒުވާނާ ހުޅުމާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފި އެވެ.

ފުލުހުން ހޯދަމުން ގޮސްފައިވަނީ ހއ. ދިއްދޫ، އާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

އޭނާގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ދަންވަރުގެ ފަހުން އިކްރާމްގެ އެއްވެސް ހަބަރެއް އާއިލާއަށް ވެފައެއް ނުވެ އެވެ.

ފުލުހުން މިއަދު ބުނީ، ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ އިކްރާމް މީގެ ކުޑައިރުކޮޅެއް ކުރިން ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ، އޭނާ ގެއްލެން މެދުވެރިވި ސަބަބާއި، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ އިދާރާއިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.