ދުބާއީގައި ބޭއްވި އޭނާގެ އާ ރެސިޑެންޝަލް މަޝްރޫއު "ޝާހްރުކްސް ބައި ޑެނިއުބް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި، މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާން ވަނީ އޭނާގެ އަމިއްލަ ގޭގައި އަމަލުކުރަންޖެހޭ ހަރުކަށި އުސޫލުތަކާ ބެހޭގޮތުން މަޖާ ގޮތަކަށް ވާހަކަދައްކާފަ އެވެ.

ޝާހްރުކް ބުނި ގޮތުގައި، އަންހެނުން ގޯރީ ޚާން ފަރުމާކޮށްފައިވާ އެމީހުންގެ ގޭގައި، އެއްވެސް ކަމަކާ ބެހޭގޮތުން ޝަކުވާކުރުމުގެ ނުވަތަ ފާޑުކިއުމުގެ އިހުތިޔާރެއް އޭނާއަކަށް އަދި ދަރިންނަކަށްވެސް ނޯވެ އެވެ. މިގޮތުން ގޭގެ ވައިފައި މައްސަލަޖެހުމުން ޝަކުވާކުރުމާއި، އެނދުގައި އޮވެގެން ކެއުމަކީ މަނާ ކަންތައްތަކެވެ. އަދި ގޭގެ އިންޓީރިއާ ފަރުމާއާއި ކުލަތަކަށް ބަސްބުނުމުގެ ބަދަލުގައި، ހަމައެކަނި ގޯރީގެ މަސައްކަތަށް ތައުރީފުކޮށްގެން ތިބެންޖެހޭ ކަމަށް އޭނާ ބުންޏެވެ.

މި ހަފްލާގައި ޝާހްރުކް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" އާ ބެހޭ ބައެއް މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ. މި ފިލްމަކީ އޭނާގެ ދަރިފުޅު ސުހާނާ ޚާން ފިލްމީ ދާއިރާއަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ. މި އެކްޝަން ތުރިލާ ފިލްމުގައި ޝާހްރުކްއާއެކު ދީޕިކާ ޕަދުކޯން އަދި އަބީޝެކް ބައްޗަން ފަދަ ތަރިން ފެނިގެންދާނެ އެވެ.