ދަތުރު ކުރުމަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގުދުރަތީ ބައެއް މަންޒިލްތަކުން އިންސާނާގެ ހިތަށް ވެރިވާ ހައިރާންކަމާއި އުފާވެރިކަން ބަޔާން ކުރަން ވެސް ދަތިވެ އެވެ.

އެމެރިކާގެ ކެލިފޯނިއާގެ އުތުރު އައްސޭރީގައި އޮންނަ ރެޑްވުޑް ނޭޝަނަލް އެންޑް ސްޓޭޓް ޕާކްސްއަކީ ހަމަ އެފަދަ އާދަޔާ ހިލާފު ޖާދޫއެއް އެކުލެވޭ ތަނެކެވެ.

ގަދީމީ ޒަމާނުގެ ބޮޑެތި ޖަންގަލިތަކެއްގެ ތެރެއަށް ވަދެވުމުން، ހީވާނީ އެހެން ދުނިޔެއަކަށް ނުވަތަ ޚިޔާލީ ވާހަކައެއްގެ ތެރެއަށް ވަދެވޭ ހެންނެވެ.

ފުރަތަމަ ނަޒަރުން ވެސް އާޝޯޚު ކޮށްލާ ބިޔަ ގަސްތައް

ޕާކުގެ ތެރެއަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅާލުމާއެކު ވެސް ފާހަގަ ކުރެވެނީ އެތަނުގެ ހަމަހިމޭން ކަމާއި، ތާޒާ ވައިގެ ފިނިކަމެވެ.

ކެލިފޯނިއާގެ ރެޑްވުޑް ނެޝަނަލް ޕާކް

ދުނިޔޭގައި މިހާތަނަށް ހުރި އެންމެ އުސް ގަސްތައް ކަމަށްވާ ކޯސްޓް ރެޑްވުޑް ގަސްތައް މި ޕާކުގައި ހެދިފައި ހުންނައިރު، އޭގެ ބައެއް ގަސްތަކުގެ އުސްމިން 350 ފޫޓަށްވުރެ މައްޗަށް އަރަ އެވެ. މި ގަސްތަކުގެ ތެރޭގައި އުމުރުން 2,000 އަހަރަށްވުރެ ގިނަ ދުވަސްވީ ގަސްތައް ވެސް ހިމެނެ އެވެ.

ގަސްތަކުގެ ބުޑުދޮށުގައި ހުއްޓިލައި މައްޗަށް ބަލާލުމުން، ގަސްތަކުގެ ކުރިތައް ދުންފިނީގެ ތެރެއަށް ގެއްލިފައި ހުންނަ މަންޒަރަކީ ލޮލަށް ނުހަނު ހިތްގައިމު މަންޒަރެކެވެ.

ހެނދުނުގެ އިރުގެ ދޯދިތައް ބިޔަ ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފޭދިގެން ބިމަށް އެޅިފައި ހުންނައިރު، މުޅި ޖަންގަލި ފެންނަނީ ރަންކުލައިގެ ދޯދިތަކަކުން ޖަރީވެފައިވާ ތަނެއްގެ ގޮތުގަ އެވެ.

ދަތުރުގައި ކޮންމެހެން ތަޖުރިބާ ކޮށްލަންޖެހޭ މުހިންމު ތަންތަން

  • ލޭޑީ ބާޑް ޖޯންސަން ގްރޯވް: މިއީ އާއިލާއާއެކު ހިނގާލަން ދިއުމަށް އެންމެ ފަސޭހަ އަދި އެންމެ ރީތި އެއް ޓްރެއިލް އެވެ. ގާތްގަނޑަކަށް 1.5 މޭލުގެ މި މަގުގައި ހިނގާލާއިރު، ފެހިކަން ގަދަ ފާން ގަސްތަކާއި ބިޔަ ރެޑްވުޑް ގަސްތަކުގެ ރީތިކަން ވަރަށް ގާތުން ފެނޭ.
ކެލިފޯނިއާގެ ރެޑްވުޑް ނެޝަނަލް ޕާކް
  • ފާން ކެންޔަން: މަޝްހޫރު ފިލްމު "ޖުރާސިކް ޕާކް" ގެ ބައެއް މަންޒަރުތައް ޝޫޓްކޮށްފައިވާ މި ތަނަކީ، 50 ފޫޓު އުސް ފާރުތަކެއްގައި ފެހި ފާން ގަސްތައް ފަޅާފައި ހުންނަ އާދަޔާ ހިލާފު ވާދީއެކެވެ. ކުޑަ ކޯރެއްގެ ތެރެއިން ހިނގާފައި މިތަން ބަލާލުމަކީ ދަތުރުގެ އެންމެ މަޖާ އެއް ތަޖުރިބާ.
  • ނިއުޓަން ބީ. ޑްރޫރީ ސީނިކް ޕާކްވޭ: ކާރުގައި ދުއްވާލާފައި ޕާކުގެ ރީތިކަން ބަލާލަން ބޭނުންވާ ފަރާތްތަކަށް މިއީ 10 މޭލުގެ ހިތްގައިމު މަގެކެވެ. މި މަގުގައި ދުއްވާއިރު ޖަންގަލީގައި އުޅޭ ބިޔަ ފުއްލާ ފަދަ ޖަނަވާރުތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު.
  • ގޯލްޑް ބްލަފްސް ބީޗް: ޖަންގަލީގެ އިތުރުން މި ޕާކުގައި ޕެސިފިކް ކަނޑުގެ އައްސޭރިފަށް ވެސް ހިމެނެ އެވެ. ރާޅުޖަހާ އަޑާއެކު ގޮނޑުދޮށުގައި ހިނގާލުމަކީ ހިތަށް ބޮޑު ހަމަޖެހުމެއް ގެނެސްދޭ ކަމެއް.

ތޮއްޖެހިފައިވާ ސިޓީތަކުގެ އަޑުފަށްގަނޑާ ދުރަށް ގޮސް، ގުދުރަތުގެ ފުރިހަމަކަމާ ގުޅި ލާމެހިލަން ބޭނުންވާ ކޮންމެ ދަތުރުވެރިއަކަށް ވެސް ރެޑްވުޑް ނޭޝަނަލް ޕާކަކީ ހަޔާތުގައި އެއްފަހަރު ނަމަވެސް ޒިޔާރަތްކޮށްލަން ޖެހޭ ފަދަ ޖަންނަތެކެވެ.