ބެއިރޫތް (22 މެއި) - ލުބްނާނުގެ ވެރިރަށް ބެއިރޫތްގެ ޕޯޓްގައި ހޮނިހިރު ދުވަހު އަލިފާން ރޯވި ހާދިސާއެއް ތަހްގީގު ކުރަން ފަށަައިފި އެވެ.
އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ލެބަނީސް ސިވިލް ޑިފެންސް އިން އަލް އަރަބިއްޔާ ނޫހަށް މައުލޫމާތު ދީފައިވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މި ދިޔަ އަހަރު ވެސް ހަމަ އެ ޕޯޓްގައި ވަނީ ނުރައްކާތެރި ގޮވުމެއް ގޮވައި 200 މީހުން މަރުވެ 7،500 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ. އެ ގޮވުމުގައި ބެއިރޫތުގެ ބޮޑު ސަރަހައްދަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
ފާއިތުވި އަހަރު އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބެއިރޫތް ޕޯޓްގައި ވަރުގަދަ ގޮވުމެއް ގޮވިއިރު، އެ ގައުމުގެ އިގްތިސާދު އޭރު ވެސް އޮތީ ކޮރޯނާ ވައިރަހުގެ ސަބަބުން އަނދަވަޅަކަށް ވެއްޓިފަ އެވެ.
އެތައް ސަތޭކަ މީޓަރެއްގެ ދުރުމިނުގައި ހުރި އިމާރާތްތައް ވެސް މި ގޮވުމުގައި ބިމާ ހަމަވިއިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފަ އެވެ.
ބެއިރޫތް ޕޯޓްގައި މިދިޔަ އަހަރު ހިނގި ހާދިސާ އާއި މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާ އާއި ދެމެދު އެއްވެސް ގުޅުމެއް އޮތްކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. – އަލް އަރަބިއްޔާ