އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ކޮވިޑް-91އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ދެ ބޭފުޅުން މިހާރު ތިއްބެވީ ކަރަންޓީނުގައި ކަމަށެވެ.
މިކަން އިއުލާންކުރެއްވީ ޓްރަމްޕް ކުރެއްވި ޓުވީޓެއްގަ އެވެ.
ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި މިވަނީ، ޓްރަމްޕާއެކު މިދިޔަ އަންގާރަ ދުވަހު ރިޔާސީ ބަހުސަށް ވަޑައިގެންނެވި އެންމެ އިސް މުޝީރު ހޯޕް ހައިކްސް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވައިޓްހައުސްއިން ކަށަވަރު ކޮށްދީފައިވާ ވަގުތެއްގަ އެވެ. ޓްރަމްޕާއި އެންމެ ގާތުން މި ދުވަސްވަރު މަސައްކަތް ކުރައްވާ 31 އަހަރުގެ އެޑްވައިޒަރު ހޯޕް ހިކްސް ޕޮޒިޓިވްވިއިރު އޭނާ ވަނީ އަންގާރަ ދުވަހު އޮތް ރިޔާސީ ބަހުސަށް ޓްރަމްޕް އަރިހު އެއާ ފޯސް ވަންގައި އޮހާޔޯ އަށް ދަތުރު ވެސް ކުރައްވައިފަ އެވެ.
ޓްރަމްޕްގެ ފިޒީޝަން ޑރ ޝޯން ކޮންލޭ އާންމު ކުރެއްވި މެމޯއެއްގައި ވިދާޅުވީ ޓްރަމްޕްގެ ދެކަނބަލުންގެ ހާލުކޮޅުވެސް ރަނގަޅު ކަމަށެވެ. އަދި އެ ދެކަނބަލުންގެ ކަންތައްތައް މެޑިކަލް ޓީމުން ވަރަށް ގާތުން ކަންކަން ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 74 އަހަރުގެ ޓްރަމްޕަކީ ހައި-ރިސްކް ގްރޫޕުގެ ބޭފުޅެކެވެ. އަނބިކަނބަލުން މެލަނިއާގެ އުމުރަކީ 50 އެވެ.
ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވިއިރު އަންނަ މަހުގެ ތިންވަނަ އޮންނަ ރިޔާސީ އިންތިހާބަށް ފޯރިއާއެކު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އަދި މިއީ އެ ކެމްޕޭނުގެ ފޯރި އެންމެ ގަދަ ދުވަސްވަރު އެވެ. ޓްރަމްޕް ޕޮޒިޓިވްވިއިރު މި މަހު 15 ގައި ވަނީ ދެ ވަނަ ރިޔާސީ ބަހުސް މިއާމީގައި ބާއްވަން ޝެޑިއުލްކޮށްފަ އެވެ. ބަހުސްގެ ތާރީޚަށް ގެންނާނެ ބަދަލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.