ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ އަދި މާލެ ބުރިޖަކުން ގުޅައިލުމަށް ހިންގާ މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަނުވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޑރ.މުއިއްޒު ވިދާޅުވީ އެ ބްރިޖް ހެދުމަށް ހަރަދުވާނެ ކަމަށް ލަފާކުރާ 400 މިލިއަން ޑޮލަރަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެ މަޝްރޫޢާ ގުޅޭ ހުރިހާ ދިރާސާތައް ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އަދި އެ ދިރާސާތަކަށް ބަލާއިރު އެންމެ އަގު ބޮޑުކޮށް އެ މަޝްރޫއަށް ހިންގި ނަމަވެސް 400 މިލިއަން ޑޮލަރަށްވުރެ ކުޑަ އަގެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ އަގު ބޮޑުކޮށް ޕްރޮޖެކްޓު ހިންގިނަމަވެސް 400 މިލިއަނަށްވުރެ ކުޑަކޮށް ހިންގޭނެ، އިނގޭތޯ. އެއީ ވަރަށް ގިނަ ލޭނުތައް ލައިގެން ވަރަށް ފުޅާކޮށް ހަދާއިރުވެސް. އެހެންވީމަ ބޮޑު އަގެއްގައި އެ ޕްރޮޖެކްޓު ހިންގަންޖެހޭ އެއްވެސް ސަބަބެއް ނެތް،" ސިނަމާލެ ބްރިޖް ހެދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ލަފާކޮށްފައި ވަނީ ތިލަފުށީ ބްރިޖް ޕްރޮޖެކްޓަށް 500 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އިންޑިއާއިން އިއްޔެ ސޮއިކުރި 400 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދޭނެ ކަމަށް ބުނެފައިވެ އެވެ.

އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ބުރިޖު އެޅުމަށް އިންޑިޔާއިން ނަގާ ލޯނުގެ ތަފުސީލު ނޭނގުމެވެ. އިންޑިޔާއިން ނަގާ ލޯނުގެ އިންޓަރެސްޓު ރޭޓަކީ ކޮބައިކަން ނޭނގޭ ކަމުގައި ފާހަގަކުރެއްވި އެވެ. ރައީސް ޔާމީން ވެރިކަމުގައި ހުޅުމާލެ ބުރިޖު އެޅުމަށް ނެގި 70 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓު ރޭޓަކީ 1.5 ޕަސެންޓް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހެނީ 20 އަހަރުން ކަން ކުރީގެ މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ތިލަފުށީ ބްރިޖް ހެދުމަށް 400 މިލިއަން ޑޮލަރު މި ސަރުކާރުން ނަގާއިރު، އޭގެ އިންޓަރެސްޓު ރޭޓަކީ ކިހާ ވަރެއްކަން ނޭނގޭ ކަމަށެވެ. އަދި މާޒީގެ ތަޖުރިބާއަށް ބަލާއިރު އިންޑިޔާގެ ކުންފުނިތަކުން ކުރިން ކޮށްފައިހުރި މައްސަލަތަކަށް ބަލާއިރު ވެސް މި މަޝްރޫއުން ބޮޑު ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ތިލަފުށީ ބްރިޖް ޕްރޮޖެކްޓްގައި ސޮއިކުރުމަށްފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސްއަހަރު ދުވަހުގެ ފަހުން ކަމަށެވެ. އަދި އެ ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ ކަމަށް ފިނޭންސް އިން ބުންޏެވެ. ނަމަވެސް އެ ލޯނުގެ އިންޓަރެސްޓް ރޭޓެއް ހާމައެއް ނުކުރެ އެވެ.