ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކުރައްވާފައިވާ ކަމެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް މިރަށުގައި ކުރިޔަށް ގެންދިޔުމަށް ވިސްނުންފުޅު ހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ކިނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު މެންދުރުކުރީ އެ ރަށު ޒުވާނުންގެ މަރުކަޒުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކި ވާހަކަފުޅުގަ އެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިޔަށްދާ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އިގްތިސާދީގޮތުން ހުރި ފުރުސަތުތަކާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރިޔަށް ގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވަނީ ކޮވިޑް ކޮންޓްރޯލްކުރުމުގައި ކައުންސިލްތަކާއި ރައްޔިތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެންމެން ގުޅިގެން ވެކްސިން ޖެހުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ކިނބިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި، ވޭމަންޑޫއާ ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، ކިނބިދޫގެ އާސާރީ ތަނެއްކަމުގައިވާ ވޭރު ޙިމާޔާތްކުރުމާއި، ކިނބިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި ކިނބިދޫގައި އިގްތިސާދީ ޙަރާކާތް އިތުރުކުރުމަށް ބޭނުންވާކަމަށާއި، ފަތުރުވެރިކަމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން އަދި އިޖްތިމާއީގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ކައުންސިލް މެންބަރުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ސޯލިހު ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި، ކިނބިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އަދި، އެމަނިކުފާނު ވަނީ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ.
ރައީސް ސޯލިހު މިހާރު ކިނބިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.