ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ ގެއްލިދާނެއޭ މީހަކު ބުނެފި ނަމަ އެއީ މުސްތަހީލުކަމެއް ކަމަށް ދެކޭ މީހުން މަދެއް ނުވާނެ އެވެ. މިހާތަނަށް ކަންތައް ވެގެންދިޔަ ގޮތަށް ބަލާއިރު ވެސް އެމްޑީޕީއަކީ ނަޝީދެވެ.

ނަޝީދާ ނުލައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް ގަބޫލުކުރާ މީހުން މި ގައުމުގައި މަދުވާނެ އެވެ. ހަމަ އެފަދައިން ޑީއާރުޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްޓަކައި އުފެދުނު އެ މަނިކުފާނުގެ ޕާޓީ އެވެ. އެ ޕާޓީގެ ކޮންޓްރޯލް އެމަނިކުފާނަށް ގެއްލުމުން، ސަޕޯޓަރުންނާއެކު ހެއްދެވި ޕީޕީއެމް ވެސް މިއަދު ވަނީ އެމަނިކުފާނަށް ގެއްލިފަ އެވެ. އެހެންކަމުން ސިޔާސީ މައިދާނުގައި ނުވާނެ ކަމަށް ހީވާ ވަރަށް ގިނަ ކަންތައް ވަމުން އަންނަކަން ގަބޫލު ކުރަން ޖެހެ އެވެ. ޚާއްސަކޮށް މިވަގުތު ރައީސް ނަޝީދަށް އެމްޑީޕީން ކުރިމަތިވެފައިވާ ހާލަތާއި ރައީސް މައުމޫނަށް ޕީޕީއެމުން ދިމާވި ހާލަތާ ވަރަށް އެއްގޮތް ސިފަތަކެއް ހުރުމުން މައުމޫނެކޭ އެއްފަދައިން ނަޝީދަށް ވެސް ޕާޓީ ގެއްލިދާނެ ކަމުގެ ސުވާލު އުފެދުމުގެ ފުރުސަތު އެބަ އޮތެވެ.

ޕީޕީއެމްގެ ފުރަތަމަ ރިޔާސީ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީނު އިންތިޚާބަށް ނިކުމެ ވަޑައިގެންނެވީ މައުމޫނުގެ ފަހަތްޕުޅުގައި ހުންނަވައިގެންނެވެ. އޭރު އާންމުންނަށް ވިސްނިފައި އޮތް ގޮތުން ޔާމީނަށް ރައީސްކަމުގެ ގޮނޑި ލިބިވަޑައިގެންނެވި ކަމަށް ވިޔަސް ހަގީގީ ވެރިއަކަށް ވެވަޑައިގަންނަވާނީ މައުމޫނު އެވެ.

ރައީސް ޔާމީނުގެ ރިޔާސީ ދައުރުގެ އެންމެ ކުރީކޮޅު އެފަދައިން ކަންތައް ދިޔަ ވެސް މެ އެވެ. އެހެން ނަމަވެސް ދުވަސްކޮޅަކުން ވެރިކަމުގެ ކަންތަކުގައި މައުމޫނުގެ ބާރު ކުޑަވާން ފެށި އެވެ. އެގޮތުން ފުރަތަމަ ޖެހުނު މައްސަލައަކީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ މަގާމަށް މައުމޫނު ހަމީދު ހޮއްވެވުމަށް މައުމޫނު ކުރެއްވި މަސައްކަތަށް ޔާމީނުގެ އެއްބާރުލެއްވުން ނުލިބުމެވެ.

ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އޭރުގެ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް މައުމޫނު ކުރެއްވި އަމުރުފުޅުތަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމެބަރުން ބޯ ލެނބުމެއްނެތި ޔާމީނު ބޭނުންފުޅު ވެވަޑައިގެންނެވި ބޭފުޅަކު ހޮއްވެވުމެވެ. އެ ހިސާބުން ފެށިގެން ޖެހެމުން ދިޔަ ކުނީގައި ޕާޓީގައި ދެ ފެކްޝަނެއް އުފެދި އެންމެ ފަހުން މައުމޫނު ބާކީވި އެވެ. އެ އުދާސްގަނޑުގެ ތެރޭގައި މައުމޫނަށް ޖަލުގައި ވެސް އޮންނަވަން ޖެހި ވަޑައިގެންނެވި އެވެ.

މައުމޫނަށް ޕީޕީއެމުން ކުރިމަތިވި ހާލަތާ ރައީސް ނަޝީދާ ގުޅެނީ ފާއިތުވި ރިޔާސީ އިންތިޚާބަށް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގެންނެވި ހިސާބުންނެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ނަޝީދަށް އެ މަގާމަށް ވާދަ ކުރެވޭނެ ގާނޫނީ އެއްވެސް މަގެއް ނެތުމުންނެވެ.

އޭރު އެންމެނަށް ވެސް ޚާއްސަކޮށް އެމްޑީޕީގެ މެންމަބުރުންނަށް ހީވެފައި އޮތީ ރައީސް ސޯލިހު ވެރިކަމުގެ ގޮނޑީގައި އިންނެވި ނަމަވެސް ހަގީގީ ވެރިޔަކަށް ވާނީ ރައީސް ނަޝީދު ކަމަށެވެ. އެގޮތަށް އެކަން ފުރަތަމަ ކޮޅު ހިނގަމުން ދިޔަ ކަމަށް ވެސް ވެ އެވެ. އެހެން ނަމަވެސް މަޑުމަޑުން ރައީސް ސޯލިހުގެ ބާރު ގަދަވެ، ރައީސް ނަޝީދުގެ ތަސްވީރު ވެރިކަމުގެ ތެރެއިން ވަނީ ފޮހެވިފަ އެވެ.

ވެރިކަމުގެ ކަންތައްތަކަށް ނުފޫޒު ފޯރުއްވެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދެވި މަސައްކަތް މަޑުމަޑުން ފެއިލްވަމުން ގޮސް ޕާޓީގެ އެތެރޭގެ ކޮންޓްރޯލް ރަސްމީކޮށް ރައީސް ސޯލިހު މިވަނީ ހޯއްދަވާފަ އެވެ. އެންމެ ފަހުން ބޭއްވުނު ޕާޓީގެ ދެ އިންތިޚާބުގެ ނަތީޖާ އާއެކު ޕާޓީގެ މިލްކުވެރިކަން ރައީސް ސޯލިހަށް މިވަނީ ކަށަވަރު ވެފަ އެވެ.

ކަންތައްތައް މިހިސާބަށް ދިޔައިރު ރައީސް މައުމޫނާއި ރައީސް ނަޝީދަށް ވެސް މި ތިބެވެނީ ދާދި އެއް ހާލަތެއްގަ އެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫނުގެ ޑްރާމާގެ ކުންނުގައި މައުމޫނު ޖަލުގައި އިންނެވި ގޮތަށް އެމްޑީޕީގެ ފަހު ތަޅާލުމުގައި ރައީސް ނަޝީދަށް ހުންނަވަން ޖެހިވަޑައިގެންފައި ވާނީ ރާއްޖެ ވަޑައިގަންނަވަން ބިރުފުޅުން އަމިއްލައަށް އަރުވާލެވިގެން ބޭރުގައި ހުންނަވާށެވެ.

މައުމޫނު ޕީޕީއެމުން ބޭރުވުމުން އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު މިހާރު ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ހިންގަވަމުންނެވެ. ރައީސް ނަޝީދަށް އެމްޑީޕީ ގެއްލި އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު އެފަދަ ޕާޓީއެއް ހައްދަވަން ޖެހުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންތައް ވަމުންދާ ގޮތަށް ބަލާއިރު އެއީ ނުވުމަށް ވުރެ، ވުން ކައިރި ކަމެކެވެ.