ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީގެ ސުވާލުތަކެއް ރައީސް މުހައްމަދު މުއިއްޒަށް އަމާޒު ކުރައްވައިފި އެވެ.

އަބްދުﷲ ދީދީގެ ސުވާލުތައް އަމާޒު ކުރެއްވީ ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް އިއްޔެ އަމަލު ކުރަން ފެށިކަން ހާމަކުރައްވާ ރައީސް މުއިއްޒު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

މިގޮތުން އަބްދުﷲ ދީދީ ވިދާޅުވީ އެ ދީނަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކުރައްވައިގެން ހުންނެވި އިސްލާމްދީނަކީ ހަމައެކަނި އަޅުކަމެއް ނޫންކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އެގޮތުން އިސްލާމްދީނަކީ އަގީދާއާއި، އަހުލާގާއި، އަޅުކަމުގެ އިތުރުން މުއާމަލާތު (ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ) ގެ އެންމެހައި ބާބުތަކާ، އަދި، ސިޔާސަތާއި އިގުތިސާދުގެ އުސޫލުތައް ބަޔާންވެގެންވާ ޝާމިލު ދީނެއްކަމަށާއި، ގާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެެއްކަމަށް ބަޔާންކޮށްފައިވާކަމަށް އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އެހެން ކަމުން، ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި ދައުލަތް ހިންގެވުމުގައި އިސްލާމީ އުސޫލުތަކާއި ގަވާއިދުތަކަށް ރިއާޔަތް ކުރައްވަންތޯ އާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރައްވަންތޯ އަބްދުﷲ ދީދީ ވަނީ ސުވާލުކުރައްވާފަ އެވެ.

" ދިވެހި ރައްޔިތުންގެ މާލިއްޔަތަށް އަމާނަތްތެރިވެ ވަޑައިގަންނަވަންތޯ؟ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓަވަން ތޯ؟ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހަމަހަމަ އުސޫލުން ރައްކާތެރި ކުރައްވަންތޯ؟ ދުސްތޫރީ ބާރުތަކާއި އިހްތިޔާރުތައް ބޭނުންކުރައްވަނީ ތައައްސުބުން އެއްކިބާވެ ވަޑައިނުގެން ތޯ؟،" އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އަބްދުﷲ ދީދީ ވިދާޅުވީ މިފަދައިން އަމަލު ނުކުރާނަމަ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތްތަވާކަމަކަށް އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދައުލަތް ހިންގަވާކަމަކަށް ނުވާނެ ކަމަށެވެ.