އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހުށަހަޅާނީ ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވެ އެވެ.
ނަމަވެސް ބަޖެޓް މަޖިލީހަށް ފޮނުވިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ރޭ ކުރި ޓުވީޓްގައި ބަޖެޓްގެ މިންވަރު ހާމަކޮށްފައެއް ނުވެ އެވެ.
އެ މިނިސްޓްރީން ބުނީ ބަޖެޓާގުޅޭ އިތުރު ތަފްސީލްތައް ފިނޭންސް މިނިސްޓަރު ބަޖެޓް ސްޓޭޓްމަންޓް މަޖިލީހަށް ހުށަހަޅުއްވާއިރު ދެއްވާނެ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް އެ އަހަރެއްގެ އޮކްޓޯބަރު 31ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
ކޮވިޑް-19ގެ ސަބަބުން ދައުލަތަށް ލިބެމުންދާ ޢާމްދަނީ ދަށްވެފައިވާތީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ރިވައިސްޑް ބަޖެޓްގެ ގޮތުގައި ހުށާއަޅާނީ 31 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިއަހަރުގެ ބަޖެޓް ހުށަހަޅާނެ ދުވަހެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައެއް ނުވެ އެވެ.