އަރަބިއްޔާ ސްކޫލް ކުދިން ކިޔެވުމަށް ހަމަޖެހިފައިވާ ވަގުތީ އިމާރާތުގައި ކުދިންނަށް ކިޔަވައިދޭން ފަށައިފި އެވެ.

އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ ހައްލަކާއި ދާއިމީ ހައްލެއް ހޯއްދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ފާއިތުވި އަށް އަހަރު އެ ސްކޫލުން ބޭނުން ކުރަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

އަރަބިއްޔާ ސުކޫލް އިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ، އެ އިމާރާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ މީގެކުރިން އާންމުވެފަ އެވެ. އަދި މި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ސޯމިލް އިމާރާތުގައި އަރަބިއްޔާ ސްކޫލުގެ ކުދިންގެ ކިޔެވުން މިހާރު ވަނީ ފަށާފަ އެވެ. އަދި ވަގުތީ އިމާރާތުގައި ދަރިވަރުންގެ ދެވަނަ ޓާމް ފެށުމާއި ގުޅިގެން ހާއްސަ އެސެމްބްލީއެއްވެސް ވަނީ ބާއްވާފަ އެވެ.

އަރަބިއްޔާ ސްކޫލުން ހާމަކުރާގޮތުގައި، ސްކޫލް ހިންގުމަށް ހަމަޖެހިފައިވާ އެ އިމާރާތުގައި ހުރިހާ އިންތިޒާމެއްވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން 18 ކްލާސްރޫމާއި، އޮފީސް ބައިވެސް ހިމަނާފައިވާކަމަށް އެ ސްކޫލުން ހާމަކުރެ އެވެ.