ހޮންކޮންގް (22 ޖެނުއަރީ) - ހޮންކޮންގްގެ މީހުން ދިރުއުޅޭ އިމާރާތަކުން ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނި، 3،000 އަށް ވުރެ ގިނަ މީހުން އެ އިމާރާތުގައި ލޮކްޑައުންކޮށްފި އެވެ.
ބެއިޖިންގްގެ ޒީރޯ ކޭސް އަމާޒަށް ވާސިލްވުމުގެ ގޮތުން އެޅި ފިޔަވަޅުގެ ދަށުން އެ އިމާރާތުގައި ތިބި ހުރިހާ މީހުން ވެސް ކުރިއަށް އޮތް ފަސް ދުވަހު ތިބެން ޖެހޭނީ ގޭގަ އެވެ.
މި އިމާރާތުން މިހާތަނަށް 20 މީހުން ޕޮޒިޓިވްވެފައިވާއިރު، އިމާރާތަކީ ތޮއްޖެހުން ބޮޑު އިމާރާތަކަށް ވާތީ އެ އަދަދު އިތުރުވުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށް އިދާރާތަކުން ބުނެ އެވެ.
"މި ރޭޓުން ކޮމިއުނިޓީ ސްޕްރެޑަކަށް ދާނެ ކަމުގެ ބިރު އެބަ އޮތް،" ހޮންކޮންގްގެ ހެލްތު ޗީފް ސޯފިއާ ޗަން ވިދާޅުވި އެވެ.
ހޮންކޮންގްއަކީ ތޮއްޖެހުން ބޮޑު ގައުމަކަށްވުމާއެކު އެ ގައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވާނެ އެވެ. އެހެންކަމުން އެ ގައުމުގެ ސަރުކާރުން ވަނީ ކޮވިޑްގެ އެންމެހާ ކޭސްތައް ޓްރޭސްކޮށް ކްލަސްޓާތައް ކަރަންޓީންކުރުމަށް ނިންމާފަ އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯކުރުމަށް ހޮންކޮންގުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ގައުމަކީ ބަލި އެންމެ ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ އެއް ގައުމެވެ. -- އަލް އަރަބިއްޔާ