ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި ރޭ ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ފަހުން ރޭ އޭނާ ވަނީ ދޫނިދުއަށް ވެސް ގެންގޮސްފަ އެވެ.

އެއާއެކު މިއަދު ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިޔާމް ވިދާޅުވީ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގަައި ދެންނެވުމުން، 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ޝާހިދު ހައްޔަރުކޮށްފައިވާއިރު މީގެ ކުރިން ވަނީ ހައްޔަރުކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އޭގެ ފަހުން އިރުކޮޅެއް ތެރޭ ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.