ސިއްހީ ދުޅަހެޔޮކަމާއި ހަށިގަނޑުގެ އުމުރު (ބަޔޮލޮޖިކަލް އޭޖް) ދެމެހެއްޓުމަށް އަގުބޮޑެތި ސަޕްލިމެންޓްތަކާއި ހާއްސަ ޓެސްޓުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުވަހުން ދުވަހަށް ބޭނުންކުރާ ކާނާގެ ފެންވަރު ރަނގަޅުކުރުމުން ހަށިގަނޑު މުސްކުޅިވުން ލަސްކޮށްދޭކަން ދާދިފަހުން ކުރެވުނު ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ "ނޭޝަނަލް ހެލްތު އެންޑް ނިއުޓްރިޝަން އެގްޒެމިނޭޝަން ސާވޭ" ގެ 15 އަހަރުގެ ތަފާސްހިސާބުތަކުގައި ހިމެނޭ 15,314 މީހުންނާއި، ޗައިނާގެ ޝަންޑޮންގްގައި 2024 އާއި 2025 އާ ދެމެދު ގަވާއިދުން ޗެކަޕް ހެދި 833 މީހުންގެ މަޢުލޫމާތު އަޅާކިޔައިގެންނެވެ. ދިރާސާވެރިންގެ މައިގަނޑު މަގްސަދަކީ ކާނާގެ ފެންވަރާއި މެޓަބޮލިކް ދުޅަހެޔޮކަމާ ހުރި ގުޅުން ދެނެގަތުމާއި، ހަށިގަނޑުގައި އުފެދޭ އިންފްލަމޭޝަން ނުވަތަ ދުޅަވުމަށް މީގެން ކުރާ އަސަރު ބެލުމެވެ.

ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ކާނާގެ ފެންވަރު ވަޒަންކުރާ "ހެލްތީ އީޓިންގް އިންޑެކްސް-2015" އިން މަތީ މާކްސް ހޯދި މީހުންގެ އިންސިއުލިން ރެސިސްޓަންސް ދަށްވެ، ލޭގެ ކޮލެސްޓްރޯލް ފަދަ މިންގަނޑުތައް ހުރީ ދުޅަހެޔޮ މިންވަރެއްގަ އެވެ. އަދި ފައިދާހުރި ކެއުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދުޅަވުން (އިންފްލަމޭޝަން) ކުޑަކޮށްދޭކަންވެސް ވަނީ ފާހަގަކުރެވިފަ އެވެ. ސިއްހަތަށް ފައިދާހުރި ކާނާގައި ހިމެނޭ ފައިބަރާއި، ޕޮލިފީނޯލްސް އަދި އޮމެގާ-3 ފަދަ މާއްދާތަކަކީ ދުޅަވުމާއި "އޮކްސިޑޭޓިވް ސްޓްރެސް" ކުޑަކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްސެވެ.

މި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ހުދު ފުށުގެ ބަދަލުގައި އޯޓްސް އަދި ބްރައުން ރައިސް ފަދަ ގްރެއިންސް ބޭނުންކުރުމާއި، ގިނައިން މޭވާއާއި ތަރުކާރީ ކެއުން މުހިންމެވެ. އަދި ސަލްމަން ފަދަ ތެޔޮ މަހާއި، އޮލިވް އޮއިލް، އެވަކާޑޯ އަދި ނަޓްސް ފަދަ ފައިދާހުރި ތެޔޮ ހިމެނޭ ބާވަތްތައް އިޚްތިޔާރުކޮށް، ހަކުރާއި، ތެލުލި ކާނާއާއި، ޕްރޮސެސްކޮށްފައިވާ ތަކެތި މަދުކުރަން ޖެހެ އެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ވަކި ކާނާއަކަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ޖުމްލަކޮށް ދުވަހުން ދުވަހަށް ކެއުމުގެ ފެންވަރު ރަނގަޅުކުރުމަކީ ހަށިގަނޑު މުސްކުޅިވުން ލަސްކޮށްދީ، ދިގު މުއްދަތުގެ ބަލިތަކުން ރައްކާތެރިކޮށްދޭނެ އެންމެ ފަސޭހަ އަދި އެންމެ ހަރުދަނާ މަގެވެ.