ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 25 އިން 31 ގެ ނިޔަލަށް ސްކޭމްގެ ޖުމްލަ 32 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. މި މައްސަލަތަކުގައި ޖުމްލަ 737,695 ރުފިޔާ ގެއްލިފައިވާއިރު، އަނބުރާ ހޯދިފައިވަނީ 144,558 ރުފިޔާ އެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. އެއީ ޖުމްލަ 17 މައްސަލައެކެވެ. ފުލުހުން ބުނީ އާދަޔާހިލާފަށް ރަނގަޅު ރޭޓެއްގައި ފައިސާ މާރުކޮށްދޭން ހުށަހަޅާނަމަ އެއީ ސްކޭމަކަށް ވުންގާތް ކަމަށެވެ. އެހެންކަމުން ފައިސާ ޖަމާކުރުމުގެ ކުރިން އަނެއް ފަރާތުން ފައިސާ ލިބުނުކަން ޔަގީންކުރުމަށާއި، ކާކުކަން ކަށަވަރުނުވާ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ފައިސާ މާރުކުރުމުގެ މައްސަލަތަކުގެ އިތުރުން، އީކޮމާސްއާ ގުޅޭ 6 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލައެއްގެ އިތުރުން އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމުގެ މައްސަލައަކާއި އެހެނިހެން ބާވަތުގެ 4 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މައިގަނޑުކޮށް ބޭނުންކޮށްފައި ވަނީ އައިބޭ، ޓިކްޓޮކް، ފޭސްބުކް މާކެޓްޕްލޭސް، ފިޝިން ލިންކު އަދި ފޯނު ކޯލްތައް ފަދަ އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ވަސީލަތްތަކެވެ.
އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފަށައިފި
ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަނީ