ސައުދީ އަރަބިއްޔާގެ މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އަންގާރަ ދުވަހު ހުއްޓުވައި ނައްތާލާފައިވާ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ބުނެފި އެވެ. މިއީ އިސްލާމްދީނުގެ އެންމެ މުގައްދަސް ބިނާ ހުރި ސިޓީއާ ކައިރި ސަރަހައްދަކަށް މިފަދަ ހަމަލާއެއް އަމާޒުވި ފަހުގެ ހާދިސާއެކެވެ.

ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވަނީ އެކްސް މެދުވެރިކޮށް މި ޑްރޯން ހުއްޓުވާފައިވާކަން ހާމަކުރައްވާފަ އެވެ.

މި ހާދިސާއަކީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ހިނގި މިފަދަ އެހެން ހާދިސާއަކާ ގުޅިގެން ހިނގި ކަމެކެވެ. އެ ދުވަހުވެސް ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް ފޮނުވާލި ޑްރޯނެއް ކޯލިޝަނުން ވަނީ ނައްތާލާފަ އެވެ.

ކޯލިޝަނުން މައުލޫމާތުދޭ ގޮތުގައި، ސެޕްޓެމްބަރު 15 ވަނަ ދުވަހުވެސް ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ މައްކާގެ ދެކުނުން، މަނާކުރެވިފައިވާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ޑްރޯނެއް ހުއްޓުވައި ނައްތާލާފަ އެވެ.

އަލް-މާލިކީ އެ ހާދިސާ ސިފަކުރެއްވީ މުގައްދަސް ސިޓީއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއްގެ ގޮތުގަ އެވެ. އަދި މައްކާއާއި މަދީނާގެ ދެ ހަރަމްފުޅާއި، އެތަންތަނަށް ޒިޔާރަތްކުރާ ހައްޖުވެރިންނާއި އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ "ރަތް ރޮނގެއް" ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.

މީގެ ކުރިންވެސް މައްކާގެ ކައިރި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތައް ސައުދީ ބާރުތަކުން ވަނީ ހުއްޓުވާފަ އެވެ. އޭގެ ތެރޭގައި ޖުލައި 2017 ގައި މައްކާއާ ގާތްގަނޑަކަށް 69 ކިލޯމީޓަރު ދުރުގައި އޮންނަ ތާއިފް ސަރަހައްދުން ނައްތާލި މިސައިލެއް ހިމެނެ އެވެ.

އެންމެ ފަހުން މި ހިނގި ހާދިސާ ހިނގާފައިވަނީ ޔަމަނުގެ ހަނގުރާމަ އަލުން ވަރުގަދަވެ، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގަ އެވެ.

2014 ވަނަ އަހަރު ޔަމަނުގެ ވެރިރަށް ސަންއާ ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް، ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ 2015 ވަނަ އަހަރު އެވެ.