ޖެނީވާ (17 ފެބްރުއަރީ) - ދުނިޔޭގައި ރިޕޯޓު ކުރެވޭ ކޮވިޑް 19ގެ ކޭސްތަކުގެ އަދަދު ދަށަށް ދަނީ އެކަށީގެންވާ ވަރަށް ޓެސްޓު ނުކުރެވޭތީ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓެކްނިކަލް ލީޑް މާރިއާ ވެން ކެރްކޯވާ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ އޮންލައިން ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން މާރިއާ ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލީގައި މަރުވާ މީހުން އިތުރުވުން ކަމަށެވެ.
"މިދިޔަ ހަފްތާގައި އެކަނިވެސް 75،000 މީހުން މަރުވިކަމަށް ރިޕޯޓު ލިބިފައިވޭ. މިއީ އަސްލު އަދަދަށް ވުރެ ދަށް އަދަދަކަށްވުން ގާތް،" މާރިއާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ އެމަޖެންސީ ޗީފް މައިކް ރަޔަން ވިދާޅުވީ ކޭސްތަކުގެ ޓްރާންސްމިޝަން ރޭޓް ދަށްވި ކަމަށް ބުނާ ގައުމުތަކުން އެ ގައުމުތަކުގައި ޓެސްޓުކުރާ މިންވަރު ބޮޑުތަނުން ދަށް ކޮށްފައިވާ ކަމަށެވެ.
މި ހަފްތާގެ ކުރީކޮޅު އެޖަމިއްޔާއިން ވަނީ އޮމިކްރޯންގެ ސަބަބުން ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާތީ ވެކްސިން ޕްރޮގްރާމްތަކާއި ރެޕިޑް ޓެސްޓިން ހަލުވި ކުރުމަށް ގައުމުތަކަށް ގޮވާލާފަ އެވެ.
ކޮވިޑް 19ގެ ކޭސްތައް ކޮންޓްރޯލްވެފައިވާ ކަމަށް ބުނެ ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވަނީ ކޮވިޑްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމަށް ނިންމާފަ އެވެ. -- އަލް އަރަބިއްޔާ