ކަމުން ސްކްރީނަށް ބަލަމުން ގެންދާނަމަ، ސިކުނޑިން އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރޭ. އޭގެ ސަބަބުން ހަޖަމު ކުރުމުގެ މަސައްކަތަށް ބަދަލުތަކެއް އާދޭ. ފޯނަށް ގެއްލިގެން އިނދެ އަވަސް އަވަހަށް ހަފަމުން ކާނަމަ، ހަށިގަނޑުގައި ހަކަތަ ކޮންޓްރޯލްކުރާ އިންސިއުލިންގެ މިންވަރު ކުއްލިއަކަށް މައްޗަށް ދޭ. މިކަމަކީ އާންމު ކަމަކަށް ވެއްޖެނަމަ، އިންސިއުލިން ރަނގަޅަށް މަސައްކަތް ކުރުމަށް ނުކުޅެދޭ. ކާ ވަގުތު ސްކްރީނަކަށް ބެލުމުން ސްޓްރެސް ވާކަމަށް ހޯދިފައިވޭ. އަދި ސިކުނޑި އާއި ހަށިގަނޑު ގުޅިގެން ހަޖަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ މާހައުލުން އެއްކިބާ ކުރޭ. ކެއުމަށް އެންމެ ރަނގަޅު ގޮތަކީ ކާތަކެތި ހަފަމުން ލަސްލަހުން ކެއުން އަދި ކެއުމުގެ ކުރިން ޓީވީ އާއި ފޯން ނިއްވާލުމާއި، ކެއުމަށް ފަހު އިށީންދެލައިގެން އިރުކޮޅަކު އިނުން.

ޒަމާނަށް އައި ބަދަލާއެކު ތަހުޒީބު މުޖުތަމައެއްގެ ހާއްސަ ސިފައެއް ކަމުގައި ބެލެވެނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތްކޮށް ނިންމާލުމެވެ. އޮފީހުގަ އެވެ. ގޭތެރޭގަ އެވެ. ކާ ގަޑިވެގެން ގޮސްފައި ވަނީ ޚަބަރާއި މުނިފޫހި ފިލުވުމާއެކު ކުރާ ކަމަކަށެވެ.

ކާ ވަގުތުގައި ޓީވީ ނުވަތަ ފޯނު ބެލުމުން ސިއްހަތަށް ކުރާ އަސަރު ދެނެގަތުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ދިރާސާ ކުރައްވާ ބޭފުޅުންނަށް ފާހަގަ ކުރެވުނީ ކަމުން ސްކްރީނަށް ބަލަމުން ގެންދާ ނަމަ، ސިކުނޑިން އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމެވެ. އޭގެ ސަބަބުން ހަޖަމު ކުރުމުގެ މަސައްކަތަށް ބަދަލުތަކެއް ގެނުވައިދޭ ކަމެވެ.

ކަމާ ބެހޭ މާހިރުން ފާހަގަ ކުރެއްވި ގޮތުގައި ދުލުގައި ކާއެތި ޖެހުމުގެ ކުރިން ހަޖަމުގެ މަސައްކަތް ފެށެ އެވެ. ކާއެއްޗަށް ބަލާލުމާއެކު ކާން ބޭނުންވުމުން ހަޖަމުކުރާ ނިޒާމުން "ސެލައިވަރީ އެމައިލޭސް"، ބަނޑުގެ އެސިޑް އަދި "ޕެންކްރިއެޓިކް ފްލުއިޑްސް" އުފައްދަން ފެށުމަށް ސިކުނޑިން މެސެޖަތަކެއް ފޮނުވަ އެވެ. މި ވަގުތުގައި ސްކްރީނަށް ބެލުމަށް ލޮލާއި ސިކުނޑި "ބިޒީ" ވެފައިވާ ނަމަ، ސިކުނޑިން ބުނެވިދިޔަ މެސެޖް ފޮނުވުން ހުއްޓި ހަޖަމް ކުރުމަށް ބޭނުންވާ "ސެލައިވަރީ އެމައިލޭސް"، ބަނޑުގެ އެސިޑް އަދި "ޕެންކްރިއެޓިކް ފްލުއިނޑްސް" އުފެއްދުން ހުއްޓެ އެވެ. ނަތީޖާއަކަށް ވަނީ ކާތަކެތި ހަޖަމް ނުވެ ގިނައިރު ވުމެވެ. އޭގެ ސަބަބުން ބަނޑުގައި ގޭސް ހެދެން ފަށަ އެވެ.

ކާއިރު ސްކްރީނަކަށް ބަލާނަމަ އެވަގުތު ސިކުޑިން ފޮނުވާ ސިގްނަލްތަކުން މަސައްކަތް ކުރުވާ ހޯމޯންސްގެ މަސައްކަތަށް ބުރޫއަރަ އެވެ. މިސާލަކަށް ހަޖަމް ކުރާ ބައިން އެ މީހަކު ކައިގެން ބަނޑު ފުރިފައިވާކަމުގެ ސިގްނަލް ސިކުނޑިއަށް ފޮނުވަން 20 މިނިޓު އާންމުކޮށް ނަގާއިރު، ސްކްރީނަކަށް ބަލަމުން ކާނަމަ، މި ބުނެވި ދިޔަ މެސެޖު ސިކުނޑިއަށް ނަގައިގަތުމަށް އުނދަގޫވެ އެވެ.

ކަމުން ސްމާޓް ފޯން ބޭނުންކުރާ މީހުންގެ ފަރާތުން ހޯދިފައިވާ އެއްކަމަކީ، ކެއުމަށްފަހު އެ މީހުންގެ ހަށިގަނޑުން ހަކަތަ އަންދާ މިންވަރަށް ބަދަލުތަކެއް އަންނަ ކަމެވެ. އަދި ފޯނަށް ގެއްލިގެން އިނދެ އަވަސް އަވަހަށް ހަފަމުން ކާ ކަން ފާހަގަ ކުރެވިފައިވެ އެވެ.

މިކަމަކީ ހަށިގަނޑުގައި ހަކަތަ ކޮންޓްރޯލްކުރާ އިންސިއުލިންގެ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުމަށް މެދުވެރި ވެދާނެ ސަބަބެކެވެ. އަވަސް އަވަހަށް ކެއުމާއި ހަރަކާތްތެރިވެ އުޅުން މަދަވުމަކީ އާންމު ކަމެއްކަމުގައި ވެއްޖެ ނަމަ، ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އިންސިއުލިން ނުކުޅެދިދެ އެވެ.

ޑިވައިސްތަކުން ނުކުންނަ "އާޓިފިޝަލް ބްލޫލައިޓް" އަކީ ހަށިގަނޑުގެ ގުދުރަތީ ގަޑި (ސާކާޑިއަމް ރިދަމް)ގެ މަސައްކަތަށް ހުރަސް އަޅާ އެއްޗެއް ކަމަށް ވަނީ ދެނެގަނެވިފަ އެވެ. އޭގެ ސަބަބުން ހަށިގަނޑުން ވަކި ގަޑިތަކަކަށް ކަންކަން ކުރަން ބުނެދިނުން ހުއްޓި ދެ އެވެ. ހަވީރުގެ ގަޑިތަކުގައި ނުވަތަ ރޭގަނޑުގެ ގަޑިތަކުގައި ސްކްރީނަށް ބަލަމުން ކާނަމަ، މި މައްސަލަ ކުރިމަތިވުން ގާތެވެ.

ހަޖަމު ކުރާ ނިޒާމުގައި ހުންނަ ގުދުރަތީ "މައިކްރޯބަޔޯމް"އަކީ ހަޖަމް ކުރުމަށް އެހީވެ ދޭ ދިރުންތަކެކެވެ. ހެލިފެލިވެ އުޅުން މަދުވެފައި ސްކްރީނަކަށް ބަލަހައްޓައިގެން ހުރެ ކެއުމުން ހަޖަމްކުރާ ނިޒާމުގައި ހިމެނޭ "ގަޓް މައިކްރޯ ބްޔޯމް"ގެ އަދަދަށް ބަދަލު އާދެ އެވެ. އޭގެ ސަބަބުން ހަކަތައަންދާ މިންވަރަށް ބަދަލު އައުމާއި ހަޖަމްކުރާ ނިޒާމް ދުޅަވުމަށް މަގުފަހިވެ އެވެ.

ހަޖަމް ކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރާ ކަމަށް ސިއްހީ މާހިރުން ބުނަނީ ވީހާ ވެސް ސްޓްރެސް އާ ދުރު މާހައުލެއްގައި، ކެއުމާވެގެން ކެއުމުން ނެވެ. ކާވަގުތު ސްކްރީނަކަށް ބެލުމުން ފެންނަ އެއްޗެއްގެ ސަބަބުން ހަށިގަނޑަށް ސްޓްރެސް ލިބެ އެވެ. ސިކުނޑި އާއި ހަށިގަނޑު ގުޅިގެން ހަޖަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ މާހައުލުން އެއްކިބާކުރެ އެވެ.

ޓީވީ ބަލަމުން ކާނަކަ އަންނަނިވިކަންކަން މެދުވެރިވާކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

1- މާގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ކެލޮރީސް (ހަކަތަ) އެތެރެވުން.

2- ސްކްރީނަށް ގެއްލިގެން ހުރުމުގެ ސަބަބުން ބަނޑު ފުރުނު ކަމުގެ ސިގްނަލް ނުލިބި، ކެއުން ހުއްޓާލުމަށް ނުކުޅެދުން.

3- ކުރިއަށް އޮތް ކާގަޑީގައި އިތުރަށް ކާން ބޭނުންވުން.

4- އަވަހަށް ކާލެވޭ ކެއުމެއް ކާން ބޭނުންވުން. މިސާލަކަށް "ޖަންކް ފުޑްސް".

ކެއުމަށް އެންމެ ރަނގަޅު ގޮތަކީ ކާތަކެތި ހަފަމުން ލަސްލަހުން ކެއުމާވެގެން ކެއުމެވެ. ކެއުމުގެ ކުރިން ޓީވީއާއި ފޯން ނިއްވާ ލުމެވެ. ކެއުމަށް ފަހު އިށީންދެލައިގެން އިރުކޮޅަކު އިނުމެވެ.