ހަށިގަނޑުގެ ހޯމޯންތަކާއި ދިފާއީ ނިޒާމުގެ އިތުރުން ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ރޭގަނޑު ފުރިހަމަ ނިދި ހޯދުމަކީ ދުޅަހެޔޮ ސިއްހަތަކަށް ނުހަނު މުހިންމު ކަމެކެވެ. ނަމަވެސް، ކޮންމެ ދުވަހަކު ތާޒާކަމާއި ހަކަތައާއެކު ދުވަސް ފެށުމަށް ހޭލަން އެންމެ ރަނގަޅީ ކޮން ވަގުތަކުތޯ ކުރެވޭ ސުވާލަށް ނިދީގެ މާހިރުން މިވަނީ މުހިންމު ޖަވާބުތަކެއް ދެއްވާފަ އެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، ހުރިހާ އެންމެންނަށް އެއްގޮތަކަށް އޮންނަ އެންމެ ރަނގަޅު ވަކި ގަޑިއެއް ނޯވެ އެވެ. ހޭލަން އެންމެ އެކަށީގެންވާ ވަގުތު ބިނާވަނީ އެ މީހެއްގެ ހަށިގަނޑުގެ އެތެރޭގެ ގަޑި ނުވަތަ 'ސާކޭޑިއަން ރިދަމް' އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން، ރޭގަނޑު ދިގުކޮށް ހޭލާ އުޅޭ މީހަކަށް ހެނދުނު 9:00 ގައި ހޭލުމަކީ އެންމެ އެކަށީގެންވާ ވަގުތަށް ވެދާނެ ކަމަށާއި، އަނެއް ބަޔަކަށް ފަތިހު 5:00 ގައި ހޭލުމަކީ އެންމެ ރަނގަޅު ވަގުތަށް ވެދާނެ ކަމަށް ޑރ. ނިޝީ ބޯޕާލް ފާހަގަކުރެއްވި އެވެ. އެހެންކަމުން މުހިންމީ ވަކި ގަޑިއަކަށްވުރެ ބޮޑަށް، ތިމާގެ ގުދުރަތީ ރިދަމާ އެއްގޮތަށް ނިދާ ހޭލުމުގެ ތަރުތީބު ބެހެއްޓުމެވެ.
މީގެ އިތުރުން، ޑރ. ނަޓާލީ ޑީ ޑައުޓޮވިޗް ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ ބަންދު ދުވަސްތަކުގައި ވެސް ކޮންމެ ދުވަހަކު އެއް ވަގުތެއްގައި ހޭލަން އާދަކުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ނިދާ ވަގުތުގެ ދިގުމިނަށްވުރެ ބޮޑަށް ނިދާ ހޭލާ ވަގުތުތަކުގެ ގަވާއިދުކަން ހިފެހެއްޓުމަކީ ސިއްހަތާއި މަރުގެ ނުރައްކަލާ ބޮޑަށް ގުޅިފައިވާ ކަމެކެވެ.
ފެންވަރު ރަނގަޅު ނިދި ހޯދުމަށްޓަކައި ދުވާލުގެ ވަގުތުތަކުގައި ގަދަ އަލި ހޯދުމާއި، ހަރަކާތްތެރިވެ އުޅުމުގެ އިތުރުން ނަފްސަށް ހަމަޖެހުން ހޯދައިދިނުން މުހިންމެވެ. ޑރ. ބޯޕާލް ވިދާޅުވީ ނިދުމަކީ ފިތަކަށް އޮބާލުމުން ނިވޭ ބޮއްކެއް ފަދަ ކަމެއް ނޫން ކަމަށާއި، އެއީ މަޑުމަޑުން ހަށިގަނޑު ހަމައަކަށް އެޅިގެން އަންނަ މަރުހަލާއެއް ކަމަށެވެ.
ހެނދުނު ފަސޭހައިން ހޭލުމަށްޓަކައި މާހިރުން ދެއްވާ އިރުޝާދުތަކުގެ ތެރޭގައި، ހޭލާ ގޮތަށް ގުދުރަތީ އަލި ލިބޭނެހެން ކޮޓަރީގެ ދޮރުފޮތިތައް ކަހާލުމާއި، އެނދުން ތެދުވުމުގެ ކުރިން ލަސްލަހުން ނޭވާލައި ހަށިގަނޑު ދަމާލުން (ސްޓްރެޗް ކޮށްލުން) ހިމެނެ އެވެ. އަދި ހޭލާއިރު ހިތްހަމަޖެހޭ ކަހަލަ އަޑެއް ނުވަތަ މިއުޒިކެއް އަޑުއެހުން ފަދަ ކުރާހިތްވާ ކަމެއް އޮތުމަކީ ވެސް ހެނދުނު ހަރަކާތްތެރިވާން ފަސޭހަވެގެންދާނެ ކަމެކެވެ.
ހުރިހާ މާހިރުންވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އެންމެންނަށް އެއް ވަގުތެއްގައި ހޭލުމަށް ކަނޑައެޅިފައިވާ ހާއްސަ ގަޑިއެއް ނެތް ނަމަވެސް، ތިމާގެ ހަށިގަނޑާ ގުޅޭ ވަގުތެއް އިހްތިޔާރުކޮށް ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް އަހުލުވެރިވުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭނެ އެންމެ ބޮޑު ބާރެވެ.
ނަޖީބުގެ މައްސަލަ: އޭޖީ ރަސްގެފާނާ ބައްދަލުކުރަން އެދިއްޖެ
ޓީވީ ބަލަމުން ކެއުމަކީ ގެއްލުން ހުރިކަމެއް!