ޔޫކްރެއިންގެ ވެރިރަށް ކީވް ކައިރީގައި ދިރިއުޅެމުދިޔަ ދިވެހި އާއިލާ ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ ވެރިރަށް ކީވް ކައިރީގައި ދިރިއުޅެމުން ދިޔައީ، ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިން ރައްޔިތަކާއި، އެ ދެމަފިރިންގެ ދެ ކުދިން ކަމަށެވެ. އަދި އެއާއިލާ މިހާރު ވަނީ ޔޫކްރެއިން ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ވަނީ ޚަރްކީވްގައި ތާށިވެފައި ތިބި ކުދިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އެގޮތުން ޚަރްކީވްގައި ތިބި ދިވެހި ދަރިވަރުންނަށް ފޮރިން މިނިސްޓަރު އިއްޔެ ފޯނުން ގުޅުއްވައި އެކުދިންގެ ހާލު ބެއްލެވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިވަގުތު ޔޫކްރެއިންގައި ތިބީ ނުވަ ދިވެހިންނެވެ. އަދި އޭގެ ތެރެއިން އެކަކު ނީފްރޯގައި ހުރިއިރު، އަށް މީހުން ތިބީ ޚަރްކީވްގަ އެވެ.

އޭގެ އިތުރުން ބެލަރޫސްގައި ކިޔަވަމުން ގެންދާ ކުދިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އެ ދަރިވަރުންނަށް އަންގާފަވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަސިޓީއެއްގައި ކުރިއަށްދާ ކަމަށާއި އާއްމު ހާލަތު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، ހުރިހާ ޔުނިވަސިޓީއެއްގައި ކްލާސްތައް. އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ޔުނިވާސިޓީއާއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. އަދި ދަރިވަރުންނަށް މިކަމުގައި ބޭނުންވާ އެހީތެރިކަން ބާލިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ފޯރުކޮށްދެމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.