ރޭގަނޑު ހަމަހިމޭން ކަމާއެކު ރަނގަޅަށް ނިދުމަށްޓަކައި އަޅުގަނޑުމެން ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމެވެ. އަރާމު އެނދަކާއި، މަޑު ކުޝަންތަކުގެ އިތުރުން ކޮޓަރީގެ އަލިކަމަށް ސަމާލުކަން ދެމެވެ.
ނަމަވެސް، ނިދުމަށް އެންމެ ބޮޑަށް އެހީވެދޭ ނުވަތަ ހުރަސްއަޅާ އެއް ކަމަކީ ކޮޓަރީގެ ފިނިހޫނުމިނެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި، އަޅުގަނޑުމެންގެ ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިނާއި ކޮޓަރީގެ މާހައުލާ ސީދާ ގުޅުމެއްވެ އެވެ.
ހަށިގަނޑުގެ ފިނި ހޫނުމިނާއި ނިދި
ރޭގަނޑު ނިދަން އޮންނަ ވަގުތު ކައިރި ވުމުން، އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން އަމިއްލައަށް ދަށްވާން ފަށަ އެވެ. މިއީ ސިކުނޑިން ހަށިގަނޑަށް ނިދާ ވަގުތު ކައިރި ވަމުންދާ ކަމުގެ އިޝާރާތެކެވެ.
ކޮޓަރީގެ ފިނިހޫނުމިން މާ ބޮޑަށް ހޫނުވެފައި ހުރެއްޖެނަމަ، ހަށިގަނޑަށް ފިނިވުމަށް އުނދަގޫވެ، ނިދީގެ މައިގަނޑު މަރުހަލާތަކަށް (ހާއްސަކޮށް ފުންކޮށް ނިދޭ މަރުހަލާ ނުވަތަ ޑީޕް ސްލީޕް)އަށް ބުރޫއަރަ އެވެ.
ރަނގަޅަށް ނިދުމަށް އެންމެ އެކަށީގެންވާ ފިނިހޫނުމިނަކީ ކޮބާ؟
ދިރާސާތަކުން ދައްކާ ގޮތުގައި، ރޭގަނޑު ނިދަން އެންމެ އެކަށީގެންވާ ކޮޓަރީގެ ފިނިހޫނުމިނަކީ ގާތގަނޑަކަށް 15 އާއި 19 ޑިގްރީ ސެލްސިއަސްއާ ދެމެދެވެ.
ކޮޓަރި މާ ފިނިވުމުން ނުވަތަ މާ ހޫނުވުމުން ވެސް ނިދި ގެއްލެން މެދުވެރިވެ އެވެ. ހާއްސަކޮށް ކޮޓަރި ހޫނުވުމުގެ ސަބަބުން ދާ ހިއްލުމާއި، ނުތަނަވަސްވުމާއި އަދި ދޭތެރެ ދޭތެރެއިން ހޭލެވުން ފަދަ ކަންކަން ދިމާވެ އެވެ.
ފިނި މާހައުލެއްގައި ނިދުމުގެ ފައިދާތައް
- އަވަހަށް ނިދިޖެހުން: ކޮޓަރީގެ މާހައުލު ފިނިވެފައި ހުރުމުން ހަށިގަނޑުގެ ފިނިހޫނުމިން އަވަހަށް ދަށްވެ، އަވަހަށް ނިދިޖެހުމަށް މަގުފަހިވެ އެވެ.
- ނިދީގެ ފެންވަރު ރަނގަޅުވުން: ފުންކޮށް ނިދޭ ވަގުތު އިތުރުވެ، ހެނދުނު ހޭލާއިރު ހަށިގަނޑަށް ލުއިކަމާއި ތާޒާކަން ލިބިގެންދެ އެވެ.
- ދިފާއީ ނިޒާމު ވަރުގަދަވުން: ރަނގަޅަށް ނިދުމަކީ މެޓަބޮލިޒަމް އާއި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ.
ވީމާ، ރޭގަނޑު ހަމައަށް ރަނގަޅު ނިންޖެއް ލިބިގަތުމަށްޓަކައި އެނދާއި ބާލީހުގެ ފެންވަރަށް ސަމާލުކަންދޭ ފަދައިން، ކޮޓަރީގެ ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަކީ ސިއްހަތަށް އެންމެ ފައިދާހުރި އެއް ކަމެވެ.
އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް: ސައުދީ
ސްޓްރެސް މެނޭޖްކުރުމަށް ހިޕްނޮތެރަޕީ