ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ގދ. ހޯޑެއްދުއަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.

އެރަށުން ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ހަ މީހެކެވެ. އޭގެތެރެއިން ހަތަރު މީހުންނަކީ އެއްގެއެއްގައި ދިރިއުޅޭ އެއް އާއިލާއެއްގެ މީހުންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

ހޯޑެއްދޫ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށެވެ.

ރާއްޖޭގެ ގިނަ ރަށްތަކުން މިހާރު ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ. އެ ހުރިހާ ރަށަކުން ވެސް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނު ފުރިހަމަކުރި މީހުންނެވެ.

ކޮވިޑް-19 ގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8:00 އިން ފެށިގެން 9:30 އަށް ހިނގާފައި އުޅެންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ރޭގަނޑު 9:30 އިން ފެށިގެން ފަތިހު 5:00 އަށް މަގުމަތީގައި އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.