ރާއްޖޭގައި ކޮވިޑުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު އެމްޑީޕީގެ ސަރުކާރު ފެކްޝަންގެ މެންބަރުންނާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު ބަހުގެ ހަމަލާތަކެއް ދީފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ފޮރިން ސާވިސް ބިލުގެ ބަހުސްގައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ބިލަށް ބަސްހުސް ކުރަމުން ޔައުގޫބު ވިދާޅުވީ ކޮވިޑްއިން ރާއްޖެ އަރައިގަނެވި، ބޯޑަރު ހުޅުވިގެން ދިޔައީ ރައީސް ސޯލިހާއި، ސަރުކާރުން އެޅި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

ރައީސް ނަޝީދުގެ ރައްދު

ޔައުގޫބުގެ ވާހަކަތަކަށް ރައްދު ދެއްވާ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވައި، އޭރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޖިލީހުން މަސައްކަތް ކުރުމުން ސަރުކާރުން އެކަމަށް ހުރަސް އެޅިވަރު ދިވެހި ރައްޔިތުންނަށް ހާމަ ކޮށްދެއްވާނެ ކަމަށެވެ.

"ބޯޑަރު ހުޅުވުމާ ގުޅޭގޮތުން މިތަނުގެ ކޮމެޓީތަކުގައި ދެކެވުނު ވާހަކަތަކައި، ސަރުކާރުން އެކަމަށް ހުރަސް އަޅަމުން ގެންދިޔަ ގޮތް އަދި ބައެއް މެމްބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރަމުން ގެންދިޔަ ގޮތް ސާފުކޮށް މަޖިލީހަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެގޭނެ ގޮތް އަޅުގަނޑު ހަމަޖައްސައިދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. ފޮޓޯ: މަޖްލިސް

ރައީސް ނަޝީދު މިހެން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ބޯޑަރުތައް ހުޅުވީ ވަކި މީހެއްގެ ޕްރެޝަރަކުން ނޫން ކަމަށާއި އެކަން ކުރަން އެންމެ ރަނގަޅު ވަގުތު އައުމުން ކަމަށެވެ. އަދި ކޮވިޑުން އަރައިގަނެވުނީ ރައީސް ސޯލިހާއި ކެބިނެޓާއި އަދި އެކި ދާއިރާތަކުގެ ފުންނާބު އުސް ފަރާތްތަކުން ރެޔާއިދުވާލު ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ކޮވިޑް މެނޭޖްކުރުމުގެ ހުރިހާ ކްރެޑިޓެއް ހައްގުވަނީ ރައީސް ސޯލިހާއި، ރައީސާއެކު މަސައްކަތް ކުރެއްވި ޓީމު އަދި ނުހަނު އެއްބާރުލުން ދިން ލޮބުވެތި ދިވެހި ރައްޔިތުންނަށް. މީހަކު މަޑުން ހުރުމަކީ އެމީހާ ލައިގެން ހުރި ގަމީހަށް ދަންދެން ފޭރިގަންނަންޖެހޭ ސަބަބެއް ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިވާ މި ދަނޑިވަޅުގައި ދެ ފަރާތުން ވެސް އަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއް ދެމުންނެވެ.