ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ގައުމު އިނދަ ޖައްސާލައި ހަލާކު ކުރުމުގެ ބޭނުމުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން ބޭއްވި މަޖިލިހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނަށް ރުހުން ދިނުމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރާއި 2013 ވަނަ އަހަރު އުފެދުނު ޕީޕީއެމްގެ ސަރުކާރާއި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ރައީސުން ފޮނުއްވި ފުރަތަމަ ކެބިނެޓަށް މަޖިލިހުން ރުހުން ދީފައިވާ ކަމަށެވެ. އެހެންވެ، މި އުސޫލަށް ބެލިޔަސް، ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު އަލީ ހައިދަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ފަދަ ވަޒީރުންނަށް ރުހުން ނުދޭން އުޅޭ ވާހަކަ އަޑު އައްސަވާފައިވާ ކަމަށެވެ. އެކަމަކު، އެ ބޭފުޅުންނަކީ ތައުލީމީ ގޮތުން ގާބިލް ނޫން ބައެއްތޯ ނުވަތަ ގާނޫނުއަސާސީގައި ބަޔާން ކުރާ ޝަރުތުތައް ފުރިހަމަ ނުވާ ބައެއްތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ބޭފުޅަކަށް ރުހުން ނުދިނުމަކީ ގައުމު އިނދަ ޖައްސާލުމާއި ގައުމު ހަލާކު ކުރުމަށް ތިޔަބޭފުޅުން ކުރައްވާ މަސައްކަތް. ތިޔަބޭފުޅުންގެ އަމިއްލަ އެދުން ނެރުއްވައިގެން ކުރައްވާ މަސައްކަތް ކަން ޔަގީން." ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

"މި ސަބަބުތަކަށްޓަކައި ދަންނަވަން އޮތީ ތިޔަބޭފުޅުން އެއްގޮތަކަށް ވެސް ތިގޮތަކަށް ހަދައިގެން ވާކަށް ނެތޭ. ގައުމު ވަރަށް ނިކަމެތިކަމާއި ވޭނުގައި މިއޮތީ. ދަރަނިތައް އިންތިހާ ދަރަޖައަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިގޮތަށް އަޅުގަނޑުމެން ޖެއްސުންކޮށްގެން މި ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ނެތް،"

ގާސިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުން ނިންމާފައިވާ ނިންމުމުގައި "ކޮޅުފައިން" ޖެހުން ކަމަށެވެ. އެމްޑީޕީއިން ކުރިޔަސް އަދި ޑިމޮކްރެޓްސް އިން ކުރި ކަމަށް ވިޔަސް އެއީ ވަރަށް ހަޑި ހުތުރު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މި ރައްޔިތުންގެ މަޖިލީހުން އެބަ ޖެހެޔޭ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވަން. އެހެން ނުދީފި ހާލަތެއްގައި އޭގެ މާނައަކި ރައްޔިތުން ނިންމި ނިންމުން ބަލައިނުގަނެ، ކޮޅުފައިން ޖަހާފައި މާދަމާ ނިކުމެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައިގެން ދާނެ ކަމެއް ނެތް ޕާޓީތަކަކުން،" ގާސިމް ވިދާޅުވި އެވެ.