ޓެރަރިޒަމްގެ ހަމަލާއެއްދީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ރާވާއިރު، ހަނު ހުރުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފުލުހުންނަށް އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

ހުސެއިން ވަނީ މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަވައްޓެރި އިންޑިއާއަށް އިދިކޮޅު ފަރާތްތަކުން އިންޒާރުތައް ދެމުން ދާއިރު ތަހުގީގުނުކޮށް ކޮމިޝަނަރު ހަމީދު "ރޯޔަލްވެފައި" ހުރުމުގެ ފުރުސަތުއޮތް ކަމަށް ނުބެއްލެވުމަށް ގޮވާލާފައިވެ އެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން މީހަކު ގޮވާލި މައްސަލައާ ގުޅިގެން ފުލުހުންނަށް ހުސެއިން ވިދާޅުވީ "އަވަހަށް ހަރަކާތްތެރި" ވާން ޖެހޭ ކަމަށެވެ.

ޝަހީމް އެހެން ވިދާޅުވިއިރު އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ އެއީ ޓެރިޒަމްއަށް ހިތްވަރު ދިނުން ކަމަށް ބެލެވޭ މައްސަލައެއް ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައުމާ ހަމައިން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެކަމަކު، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި ވާހަކަ ދެއްކީ ތ. ވިލުފުށި މީހެއް ކަމަށްވެ އެވެ. އޭނާ ވަނީ ސަރުކާރުގެ އަމަލުތަކާ މެދުގައި ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި ބުނީ "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަން ޖެހޭ" ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމީހާއާ މެދުގައި ފިޔަވަޅު އަޅަން ވެސް ބައެއް މީހުން ގޮވާލި އެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހާ ބެހޭ ގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށް އެ ޓީވީ ޗެނަލުން ބުންޏެވެ.

ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ޓީވީ ޗެނަލުން ބުންޏެވެ.