ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށްދީގެން ހިންގަން އުޅޭ މަޝްރޫއަށް ތާއީދުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަމުން ދަނިކޮށް، އެމަނިކުފާނުގެ ވިސްނުމާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ކޮލަމާފުށީ ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހެޅުއްވި ގަރާރަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރެވެ.

މަހުފޫޒު ހުށަހެޅުއްވި ގަރާރު ފާސްވީ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

އެ ގަރާރުގައި ވަނީ އީގަލް ހިލްސްއާ އެކު ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ސަރުކާރުން އެކަމަށް އިޖާބަނުދީފިނަމަ އެމްޑީޕީން އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ވެސް ގަރާރުގައިވެ އެވެ.

މިރޭ ވަނީ މުޒާހަރާގެ ކަންތައްތައް ކުރިއަށްގެންދަން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެ ގަރާރުގައިވާ ކަންތައްތަކަށް ސަރުކާރުން އިޖާބަނުދީފިނަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ އަރައި ސިލްސިލާ މުޒާހަރާތަކެއް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލާނީ މީގައި ގަރާރަށް އަޅުގަނޑު ތާއީދުކުރަން. އަދި ރިފަރެންޑަމް ނުބާއްވާ ކަމަށްވާކަމަށްވަންޏާމުން މި މަހުގެ 15 އާ ހިސާބަށްދާއިރު ރިފަރެންޑަމް ނުބާއްވާ ކަމަށްވަންޏާމުން އަޅުގަނޑު ހަމަ މިކަމައިގެން އެމްޑީޕީން އުޅޭ ބޭފުޅުންނަށް ދަންނަވާލަން 17 ނޮވެމްބަރާ ހިސާބަށް ކޮންމެ ރެޔަކު އެމީހަކު ހުރިތާކުން މަގުތައް ފުރާލަން. ފައިބާ އަޅުގަނޑުމެން މިކަމާ އިހުތިޖާޖު ކުރަންޖެހޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަރައި މިކަމުގައި ރިފަރެންޑަމަކަށް އަޅުގަނޑުމެން ގޮވަންޖެހޭނީ،" ފައްޔާޒް ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ މުޅި މަޝްރޫއަކީ އޮޅުވާލުމެއް ކަމަށާއި އެ މަޝްރޫއު ވަނީ އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފުށިދިއްގަރުފަޅުގެ މުޅި މަޝްރޫއަކީ އޮޅުވާލުމެއް. ފުރަތަމަ ފުށިދިއްގަރުފަޅު، އެތަނުގެ ނަން ވެސް އޮޅުވާލީ. އެތަނަށް ފައިސާ ހަރަދުކުރަމުންދިޔަ ގޮތް ވެސް އޮޅުވާލައި އޮތީ. ބަޖެޓު ފާސްކުރިއިރު ބަޖެޓުގައި ނެތް ހަރަދުތަކެއް އޮޅުވާލުމުގެ ތެރޭގައި ހަރަދު ކުރަމުން ގޮސް 800 މިލިއަން ޑޮލަރާ ހަމައަށް ރައްޔިތުންގެ ފައިސާ އެ ހުރީ އެތަނަށް އަޅާފައި،" ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެ މަޝްރޫއުން ލިބޭނެ ކަމަށް ސަރުކާރުން ބުނަމުންދާ ފައިދާ ނުލިބޭނެކަން ޗެލޭންޖްކޮށްފައި ދަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިއްކާފައިވާ ބިމެއް އެކުއިޒިޝަން ކޮސްޓް ނުލިބޭގޮތަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރަމުން ދަނިކޮށް ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ބައެއް ބޭފުޅުންގެ ވާހަކަތައް ހުއްޓުވާފަ އެވެ. އަދި އެ މަޝްރޫއަށް ތާއީދުކުރާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

ނަމަވެސް ހުރިހާ ބޭފުޅުން ވެސް ވާހަކަދެއްކެވީ އެ މަޝްރޫއާ ދެކޮޅަށެވެ.