ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް މަގާމުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައި ނެތް މައްސަލައެއްގައި ކަމަށްވާތީ، ޖޭއެސްސީ އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކުރި ފަހުން ހުށަހެޅި ފުރަތަމަ ގަރާރެވެ. އެ ގަވާއިދުގެ ދަށުން ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ، އެ ގަރާރެއް ވަގުތުން ބާތިލުވާނެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރަން ފެންނަތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 35 މެންބަރުންނެވެ. އެ ގަރާރަށް ބަހުސްކުރަން ފެންނަ ކަމަށް 7 މެންބަރުން ވޯޓުދެއްވިއިރު، ބަހުސްކުރަން ނުފެންނަ ކަމަށް 28 މެންބަރުން ވޯޓުދެއްވި އެވެ.
މަޖިލީހުން ބޭރުކޮށްލި ގަރާރުގައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ތިން ފަނޑިޔާރުން ވެސް ޖިނާއީ ކުށެއް ކުރައްވައިފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެއާއެކު ފުލުހުން އެ މައްސަލަ ފައިލްކޮށް، ތިން ފަނޑިޔާރުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދު ވަކިކުރީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށްކަން ހާމަވާ ކަމަށް އެ ގަރާރުގައި ވެ އެވެ. ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ތިން ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށް ވާތީ، އެ ކޮމިޝަނުން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަރާރުގައި ފާހަގަކުރައްވާފައިވެ އެވެ.
މި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް އަޒްމިރާލްދާއާއި މަހާޒް އަދި ސުއޫދު މިދިޔަ އަހަރުގެ ފެބުރުވަރީ 26 ގައި ކުއްލި ގޮތަކަށް ސަސްޕެންޑުކުރި އެވެ. އެ މައްސަލައިގައި ސުއޫދު އިސްތިއުފާ ދެއްވިއިރު، ވެރިކަންކުރާ ޕާޓީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އަޒްމިރާލްދާއާއި މަހާޒް މަގާމުން ވަކިކޮށްފަ އެވެ.
ނަމަވެސް، އެ ބޭފުޅުންނަށް ތުހުމަތުތައްކޮށް ފުލުހުން ބަލަން ފެށި މައްސަލައިގައި ތުހުމަތުކުރެވޭ ފަދަ ޖިނާއީ ދައުވާއެއް ކުރެވިދާނެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނިންމައި، ދެ ބޭފުޅުންގެ މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން އެންގީ މިދިޔަ އޮކްޓޯބަރު 8 ގަ އެވެ.
"ހީޓް"ގެ ޑައިރެކްޓަރު މައިކަލް މޭން އަމިއްލަ ގަޔަށް ބަޑިޖެހިއްޖެ
ސްޓްރޯކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންކަން

