އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަރްޖުން ކަޕޫރްގެ ހަޔާތާ ގުޅޭ ކަންކަން އޭނާއަށް ވުރެ ބޮޑަށް އެހެން މީހުން ދަންނާތީ އެކަމާ ހައިރާންވާ ކަމަށް އަރްޖުން ބުނެފި އެވެ.

އަރްޖުން، އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ސްޓޯރީއެއްގައި މިފަދައިން ބުނީ އޭނާއާ، އޭނާގެ ލޯބިވެރިޔާކަމަށްވާ މަލާއިކާ އަރޯރާ، މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރުމަށް ނިންމާފައިވާކަމުގެ ހަބަރުތައް އާންމުވެފައި ވަނިކޮށެވެ.

މި ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރެއްހާ ދުވަސްވެފައިވާ އިރު، މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ކައިވެނީގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ އަރްޖުންގެ އެ ބަހަކީ، އޭނާ ކައިވެނި ކުރާ ވާހަކައާ ގުޅިގެން ދެކެވުނު ވާހަކަތަކަށް ދިން ރައްދެއްގެ ގޮތުގައި ގަބޫލުކޮށްފަ އެވެ.

އަރުޖުން، 36، އާއި މަލައިކާ، 48، ރައްޓެހިވީ 2018 ގަ އެވެ. ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މަލާމާތް ރައްދުވާ ޖޯޑަކީ ވެސް މަލައިކާ އާއި އަރްޖުން އެވެ.

ސަބަބަކީ އަރްޖުން އަށް ވުރެ މަލައިކާ 12 ވަރަކަށް އަހަރު ދޮށިވެފައި އޭނާގެ 19 އަހަރުގެ ދަރިއަކު ހުރުން އެއީ ބައެއް މީހުން އެ ދެ މީހުންނަށް އެންމެ މަލާމާތްކުރާ އެއް ސަބަބެވެ.