ޓެޑީ މެލެންކޭމްޕްގެ ސިއްހީ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އޭނާގެ ލޯބިވެރިޔާއާ ވަކިވުމުން ކުރިމަތިވި ހިތްދަތި އިހުސާސްތަކާއި، މުސްތަގުބަލާ މެދު އޮތް ބިރުވެރިކަން ހާމަކޮށްފި އެވެ.

ސްޓޭޖް 4 ގެ ކެންސަރު ބައްޔާ ހަނގުރާމަކުރަމުންދާ 'ރިއަލް ހައުސްވައިވްސް އޮފް ބެވަަލީ ހިލްސް' ގެ ކުރީގެ ތަރި، އުމުރުން 45 އަހަރުގެ ޓެޑީ، އޭނާގެ ލޯބިވެރިޔާ ޕީޖޭ ކޮންލީއާ ވަކިވިކަން ހާމަކުރީ އޭނާގެ 'ޓޫ ޓީސް އިން އޭ ޕޮޑް' ޕޮޑްކާސްޓްގަ އެވެ. ޓެޑީ ބުނި ގޮތުގައި، މާލީ ދާއިރާގައި މަސައްކަތްކުރާ 31 އަހަރުގެ ކޮންލީ ވަނީ ޓެޑީއާއެކު ކުރިއަށްދާނެ މުސްތަގުބަލެއް ނުފެންނަ ކަމަށް ބުނެފަ އެވެ.

"ތެދަށް ބުނާނަމަ، މުސްތަގުބަލުގައި އަހަރެން ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނޭނގޭ،" ރޮމުން އޭނާ ކިޔައިދިނެވެ. "އޭނާއަށް އެނގުނަސް ނޭނގުނަސް، އޭނާއަކީ އަހަރެންގެ ދިރިއުޅުމަށް އުއްމީދު ގެނެސްދިން މީހެއް. އެކަމަކު މިހާރު ހިތަށް އަރަނީ އަހަރެން މިއީ އެވަރުގެ މީހަކަށް ނުވަނީބާވައޭ؟" މެލަނޯމާ ކެންސަރުގެ ހަތަރުވަނަ ސްޓޭޖުގައި ހުރި ޓެޑީ ކިޔާދިނެވެ.

މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ޓެޑީ ބުނީ، ހަތަރު މަސްދުވަހުގެ ލޯބީގެ ގުޅުން ނިމުމަކަށް އައުމުން ދެރަވި ނަމަވެސް، އެއަށްވުރެ ބޮޑަށް އޭނާ ފިކުރުބޮޑުވަނީ އަމިއްލަ ދިރިއުޅުމާ މެދު ކަމަށެވެ. "އަހަރެން ދެރަވީ މުސްތަގުބަލެއް ނުފެނޭ އޭ ބުނުމުން، އެ ޖުމުލަ އަހަރެންގެ ބަލީގެ ހާލަތާ ގުޅުވައިލެވޭތީ. ކެންސަރު ބަލީގެ ސަބަބުން މުސްތަގުބަލެއް ނެތްކަމުގެ ބިރުވެރިކަން އަބަދުވެސް އޮވޭ. އެހެންވެ، އެފަދަ ވާހަކަތައް ވަރަށް ބޮޑަށް ހިތުގައި ޖެހޭ،" އޭނާ ބުންޏެވެ.

އަދި އޭނާގެ ހުރިހާވެސް އަމާޒަކީ ދިރިއުޅުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށާއި، ދިރިއުޅުމުގައި އުފަލާއި ހިތާމަވެސް ކުރިމަތިވާނެ ކަމަށް ޓެޑީ ފާހަގަކުރި އެވެ.

2022 ވަނަ އަހަރު ފުރަތަމަ މެލަނޯމާ ޖެހިފައިވާކަން އެނގުނު ޓެޑީގެ ބަލި، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ ސިކުނޑިއަށާއި ފުއްޕާމެއަށް ފެތުރިފަ އެވެ. ސިކުނޑީގެ އޮޕަރޭޝަނެއްކޮށް ހަތަރު ޓިއުމަރެއް ނަގާފައިވާއިރު، އޭނާ ދަނީ ގަވާއިދުން އިމިއުނޯތެރަޕީ ފަރުވާ ހޯދަމުންނެވެ.