ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދައުލަތުގެ މަތީ މަގާމެއްގައި ތިއްބެވި ދެ ބޭފުޅެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ހަފްތާއަކަށްވުރެ ގިނަދުވަސް ވެފައިވީ ނަމަވެސް ފުލުހުން އެ މައްސަލަ ނުބެލި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީވެފަ އެވެ. ނަމަވެސް އެ މައްސަލަ ބަލަން އަދިވެސް ފަށާފައިނުވެ އެވެ،
މިކަމާ ގުޅޭގޮތުން ޕޮލިސް މީޑިއާގެ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ފުލުހުން އެއަކަށް ޖަވާބެއް ނުދެ އެވެ.
ދައުލަތުގެ އިސް މަގާމެއްގައި ތިއްބެވި ދެ ބޭފުޅެއްގެ ބޮލުގައި ޖާބިރު ޒިނޭގެ ތުހުމަތު އަޅުވާފައި ވަނީ އީދު ދުވަހުގެ މުނާސަބަތުގައި އޭނާ ނެރުނު އޯޑިއޯ މެސެޖެއްގަ އެވެ. އެ މެސެޖުގައި އޭނާ ވަނީ ސާފު އިބާރާތުން އެ ދެ ބޭފުޅުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފަ އެވެ.
ކީރިތި ގުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވަނީ މީހެއްގެ ބޮލިގައި ޒިނޭގެ ތުހުމަތު އަޅުވައި އެކަމުގެ މައްޗަށް ހަތަރު ހެކީން ނުދެއްކިއްޖެނަމަ އެފަދަ މީހެއްގެ ގައިގައި 80 އެތިފަހަރުން ހައްދު ޖެހުމަށެވެ.
ނަމަވެސް އެ މައްސަލަ ނުބަލަން އުޅެނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.
ޖާބިރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ޖާބިރަކީ އޭރު ރައީސް ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ވަރަށް ބޮޑެތި ސިއްރުތައް ޖާބިރަށް އެނގިވަޑައިގަންނަވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ބެލެވޭ ގޮތުގައި ޖާބިރުގެ މައްސަލަ ނުބަލަނީ އެ ސަބަބާ ހެދި އެވެ.