މާލޭގެ މައްސަލަތައް ހައްލުކޮށްދެވޭނީ ސަރުކާރުގެ ޕަޕެޓަކަށް ނުވާނެ ޚާދިމަކަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެދެވޭނީ މި ސަރުކާރުގެ ޕަޕެޓަކަށް ނުވާނެ، ސަރުކާރުގެ ޕްރެޝަރަށް ދިލާ ނުލާނެ ޚާދިމަކަށް ކަމަށެވެ. އަދި އެކަން ކުރެވޭނީ ސަރުކާރާއި ޑީލް ނުހަދާނެ، ރައްޔިތުންގެ ފަޅީގައި ހުންނާނެ ރައްޔިތުންގެ ޚާދިމަކަށް ކަމަށާއި އެއީ ސަރުކާރުގެ ހާދިމަކަށް ވެގެން ނުވާނެ ކަމަށް ވެސް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުއިއްޒު ގެންދަވަނީ މި ސަރުކާރުން މާލެ ސަރަހައްދުގައި ހިންގަން ރާވާފައިވާ ބައެއް މަޝްރޫއުތައް ކުރިޔަށް ނުދާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މާލޭގެ ފެންބޮޑުވުމުގެ މައްސަލަ އާއި އެނޫންވެސް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައްވަ އެވެ.