މިއަހަރުގެ އޭޕްރީލް މަހު އެންމެ ގިނަ މީހުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރާ އާސަންދަ ސްކީމުން ބޭނުންކޮށްފައި ވަނީ އައްޑޫ ސިޓީއިން ކަމަށް އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާސަންދަ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން އޭޕްރީލު މަހު 165،850،124 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން 64،734،670 ރުފިޔާ ހަރަދުކުރެވިފައިވަނީ ސަރުކާރު މަރުކަޒުތަކަށް ކަމަށް ވެސް އާސަންދައިން ބުނެ އެވެ.

އާސަންދައިން ބުނީ އާސަންދަ ސްކީމް އެންމެ ގިނަ މީހުން ބޭނުންކޮށްފައިވަނީ އައްޑޫ ސިޓީން ކަމަށެވެ. އައްޑޫ ސިޓީއަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެސްކީމް ބޭނުންކޮށްފައިވަނީ 7،501 މީހުންނެވެ.

ދެ ވަނަ އަށް އެންމެ ގިނަ މީހުން އާސަންދަ ސްކީމް ބޭނުންކޮށްފައިވަނީ ހދ. އަތޮޅުންނެވެ. އެއީ 7.4 މިލިއަން ހަރަދުކޮށްފައިވާއިރު އެއަތޮޅުން އެސްކީމް ބޭނުންކޮށްފައިވަނީ 6،535 މީހުންނެވެ.

ރ. އަތޮޅުން އާސަންދަ ސްކީމަށް 3.8 މިލިއަން ހަރަދުކޮށްފައިވާއިރު ލ. އަތޮޅަށް އާސަންދަ ސްކީމުން ހަރަދުކޮށްފައިވަނީ 3.6 މިލިއަން ރުފިޔާ އެވެ.

އާސަންދަ ސްކީމު އެންމެ މަދު ބޭނުންކޮށްފައިވާ އަތޮޅަކީ ވ. އަތޮޅެވެ. އެއީ 0.2 މިލިއަން ރުފިޔާ އެވެ.

އާސަންދަ އަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ 730 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހާ ހަމައަށް އާސަންދައިގެ ބަޖެޓުން 365 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އާސަންދަ ނިޒާމުގައި ހުރި ހަރަދު ބޮޑު ގޮތްތަކަށް ހައްލެއް ހޯދުމަށް މި އަހަރުގެ ތެރޭގައި މަސައްކަތް ކުރަން ރާވައިފައިވީ ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭހަށެވެ.