މާލެގެ ބޮޑު ތިން ސްކޫލެއް އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ޖަލްސާގައި އާޒިމް މިނިސްޓަރާއި ކުރެއްވި ސުވާލަކީ މާލޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ނިމޭނެ ތަރީހަކާ ބެހޭ ގޮތުންނެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، އެކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމުގައި މާލެ ސަރަހައްދުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި ހުޅުމާލޭގައި އަލަށް ތަރައްގީކުރާ ހަތަރު ސްކޫލު ވެގެންދާނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކަށް ކަމަށެވެ. މިހާރު ވެސް މާލޭގައި އެންމެ ފަހުން ހުޅުވި އިއްޒުއްދީން ސްކޫލުގައި ކިޔަވައިދެނީ އެއް ދަންފަޅިއަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭންގައި އެބަހުރި މަޖީދިއްޔާ، އިސްކަންދަރު، އަދި އަމީނިއްޔާ ސްކޫލް އެއް ދަންފަޅިއަށް ހެދުމަށް. ސީއެޗްއެސްއީ އަޅުގަނޑުމެން މިހާރު ހުޅުމާލޭގައި އެބަ އަޅަން އައު އިމާރާތެއް. ހުޅުމާލެއަށް ބަދަލުކުރެވުނީމަ އަޅުގަނޑުމެންނަށް މާލޭގައި ހުރި ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މާލޭގެ ބޮޑު ތިން ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަން ވާނެ ދުވަހެއް އަދި ދަންނަވަން ދަތި ކަމަށެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަރަށް ގިނަ ސްކޫލްތަކެއް މިހާރުވެސް އެއްދަންފަޅިއަށް ބަދަލުކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.