މެމްބަރުންގެ ޒާތީ ކަންކަމުގައި އެބޭފުޅުން ހަވަރަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރާއި އެހެން ފިރިހެނަކާއި އަދި އަންހެނަކު ބަރަހަނާކޮށް އެނދެއް މަތީ ތިބޭ ފޮޓޯއެއް އާންމުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންގެ ޒާތީ ކަންކަމުގައި މެމްބަރުން ހަވަރަށް ދޭން ތައްޔާރެއް ނޫން ކަމަށެވެ. އަދި މެމްބަރުން ވީހާލެއްގައި ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދުގެ މިވާހަކަފުޅާ ގުޅިގެން މެމްބަރު އަލީ އާޒިމް ވަނީ ރައީސް ނަޝީދަށް ޝުކުރު ދަންނަވާފަ އެވެ.

މެމްބަރު އަނދުން ހުސެއިންގެ ފޮޓޯ ލީކުވުމާ ގުޅިގެން ފުލުހުން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ބުނެފަ އެވެ. ރައީސް ނަޝީދު އަންގަވައިގެން، ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ އެއްވެސް މައްސަލައެއްގައި މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުކުރާނަމަ އެކަން މަޖިލީހަށް އެންގުމަށް ފުލުހުންގެ ހިދުމަތުގައި އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުތަކުގައި އޮންނަ ގޮތުން މައްސަލައެއްގައި ހައްޔަރުކުރުމުގެ ކުރިން މަޖިލީހަށް އަންގަން ޖެހެ އެވެ. އެހެން ނަމަވެސް ތުހުމަތެއްގައި ހާޒިރު ކުރުމުގެ ކުރިން މަޖިލީހަށް އަންގާކަށް ނުޖެހެ އެވެ.