ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަންކުރަން ފަހުގެ ފުރުސަތު ދިނުމަށްފަހު އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާއަށް ތާވަލްކޮށްފި އެވެ.
ސައުދަށް ދައުވާކުރަނީ ތިނަދޫގެ އާބާދީގައި ސިޓީއެއްގެ ޝަރުތު ހަމަވާ 10،000 މީހުން އުޅޭކަން ދެއްކުމުގެ ގޮތުން، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައިވާ ކަމަށް ބުނެ އެވެ. އަދި ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކޮށް، އެފަދަ ރިކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އެ މައްސަލާގައި އޭނާއަށް ކުރަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.
އެ މައްސަލާގެ އަޑުއެހުމެއް މިއަދު ބޭއްވި އަޑުއެހުމަށް ހާޒިރުވިއިރު ވެސް ސައުދުގެ ވަކީލަކު ނެތެވެ. އަދި އެކަމަށް އިތުރު ފުރުސަތެއް ދޭން އޭނާ އެދުނެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ވަކީލަކު ހޯދަން ކުރިން ވެސް ފުރުސަތު ދިން ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ބާއްވަން ތާވަލްކުރި އަޑުއެހުމަށް ހާޒިރު ނުވެވޭނެކަން ސައުދުގެ ފަރާތުން އެންގީ ވަގުތު ކުޑަތަންވެފައި އޮއްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އަންނަ ހަފުތާގައި ބާއްވާ އަޑުއެހުމުގައި ވަކީލަކު ނެތަސް ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ސައުދުގެ ފަރާތުން ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ވެސް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ދެ ދައުވާ ސާބިތުވެއްޖެނަމަ، މަދުވެގެން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އޭރުން މޭޔަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
ނަމަވެސް މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ. ސައުދު ވިދާޅުވީ މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށްގެންދާ ސިޔާސީ މަސައްކަތެއް ކަމަށެވެ.
މަޝްހޫރު ފިލްމް ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ މަރުވެއްޖެ
އެންޑީއޭގެ މަރުކަޒުން ފިލި ފައިރިޝް ހޯދައި ހައްޔަރުކޮށްފި
އެލްޖީއޭ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކޮށްފި
