މިއަދަކީ މާލޭގައި އެންމެ ގިނަ ދުވަސްވީ އެއް ސްކޫލް، އަމީނިއްޔާ ސްކޫލަށް 76 އަހަރު ފުރޭ ދުވަހެވެ. މަރުހަބާ އާއި މުބާރަކްބާދީ ފޮނުވަމެވެ.

އާންމު އުސޫލެއްގެ މަތިން މިއަދު ދައްކަން ވާނީ އަމީނިއްޔާ ސްކޫލުގެ ދިގު ތާރީޚުގެ ވާހަކަ އެވެ. އެހެން ނަމަވެސް ރަހަ ތަފާތު ކޮށްލާފައި ކިޔައިދޭ ހިތްވީ އަމީނިއްޔާގެ މަޝްހޫރު "ހަރީރާ"ގެ ވާހަކަ އެވެ. ފަހަރެއްގައި މިވާހަކަ އެހެން މީހެއްގެ ފަރާތުން ވެސް އިވިފައި އޮވެދާނެ އެވެ. ނަމަވެސް މިއީ ގިނަބައެއްގެ ދޫދޫމަތިން ދެކެވޭ، ވަރަށް ޝައުގުވެރި ވާހަކައެކެވެ.

ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކުގައި ކޮންމެ ވެސް ރޫހާނީ ކަންތައްގަނޑެއް ހިނގައޭ ބުނާ އަޑު އަހަމެވެ. ތަފާތު އެކި ނަންތައް ދީފައިވާ މި ތަކެތި ސްކޫލްގެ ގޯތިތެރެއިން ބައެއް ދަރިވަރުންނާއި މުދައްރިސުންނަށް ވެސް ފެނިފައިވެ އެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ތެރެއިން އަމީނިއްޔާގައި އުޅޭ ރޫހާނީ އެއްޗެއް ކަމަށްވާ ހަރީރާގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ހަރީރާގެ ވާހަކަ ނޭނގޭ ކުއްޖަކު އެ ސުކޫލުން ކިޔަވައިގެން ނުނުކުންނާނެ އެވެ.

ހަރީރާ އާ ބެހޭ ކަށަވަރު މައުލޫމާތެއް ލިބިފައެއް ނެތެވެ. އަދި އެއީ ހަގީގަތުގައި ވެސް އުޅުނު މީހެއްކަން އެނގޭކަން ނެތެވެ. ހަރީރާއަކީ އެ ސްކޫލުގައި އުޅުނު މަސައްކަތު މީހެކޭ ބުނެވެ އެވެ. އަދި އޭނާއަށް ކުދިންގެ މަލާމާތާ ފުރައްސާރައާ ކުރިމަތިވި ކަމަށާއި އެކަންތަކާ ގުޅިގެން އަންހެންކުދިންގެ ފާހާނާގައި ދަންޖެހިގެން މަރުވީ ކަމަށް ވާހަކަ ދެކެވެ އެވެ. ބައެއް މީހުން ބުނާގޮތުގައި އޭނާއަށް ފުރައްސާރަ ކުރި މީހުން ވަނީ އޭނާ މަރާލާފަ އެވެ. އަދި އަމީނިއްޔާ ސްކޫލުގެ މަޝްހޫރު އަނބުގަސްދޮށުގައި ވަޅުލީ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

އަމީނިއްޔާ ސްކޫލް ކައިރިން ބަޔަކު ދުއްވާފައި ދަނީ. ފޮޓޯ: ރައީސް އޮފީސް

ހަރީރާ މަރުވުމަށް ފަހު އޭނާގެ ރޫހު އެ ސްކޫލު ތެރޭގައި އުޅޭކަމަށްވެ އެވެ. އެގޮތުން އިތުރު ހަރަކާތްތަކަށް އަންނަ ކުދިން ރޭގަނޑު އަދި ބައެއް ފަހަރު ދުވާލު ވެސް ކޮރިޑޯތަކުގައި އުޅޭ އިރު ހިޔަންޏެއް ފެންނަ ކަމަށްވެ އެވެ. ބައެއް ފަހަރު ފާހާނާ ތެރެއިން ވެސް މި ހިޔަނި ފެންނަކަމަށް ވެ އެވެ.

ހަރީރާގެ މާގިނަ ވާހަކަތަކެއް އެނގޭކަށް ނެތެވެ. ބައެއް މީހުން ބުނާގޮތުން ހަރީރާ އަކީ ރަސްގެފާނުގެ އަމިއްލަ ގެކޮޅޮ ކަމަށްވާ "އާގަނޑުވަރު"ގައި އުޅުނު އަވައްޓެހި ކުއްޖެކެވެ. އަމީނިއްޔާ ސްކޫލް މިހާރު އެހުރި ބިމަކީ ކުރިން އާގަނޑުވަރު ހުރި ބިމެވެ.

އަވައްޓެހި ކުދިންނަނީ ކުރީ ޒަމާނުގައި ގޭގޭގައި މަސައްކަތް ކޮށްދޭން އުޅޭ ޖިންނީންގެ ވައްތަރަކަށް ކިޔާ ނަމެކެވެ. މި ފަދަ ޖިންނީންނަކީ މީހުންނަށް އުނދަގޫ ކުރާ އެއްޗެއް ނޫނެވެ. މި ވާހަކައަށް ބާރުދޭ ކަމަކީ އަމީނިއްޔާގެ މަޝްހޫރު އަނބުގަސް ކައިރިން ރަތް ލިބާހުގައި އަންހެން ކުއްޖަކު ފެންނަ ކަމަށް ބުނާ ބުނުމެވެ.

ކޮންމެއަކަސް ހަރީރާ އަކީ ކާކުކަން ނޭނގުނަސް އޭގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިިޔަސް ހަރީހާގެ ވާހަކަ މިވަނީ އަމީނިއްޔާގެ 76 އަހަރުގެ ދިގު ތާރީހުގެ ތުންތުން މަތިން ދެކެވި، މިހާ ހިސާބަށް އައިސް، އަމީނިއްޔާގެ ތާރީހުގެ މުހިއްމު ބަޔަކަށް ވެފަ އެވެ.